އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގައި މުބާރާތުގެ އެންމެ ވާދަވެރި ގުރޫޕުން ކުއާޓާގެ ފަހުގެ ޖާގަ، އެންމެ ފަހުގެ ޗެމްޕިއަން އުރީދޫ ކަށަވަރުކޮށްފިއެވެ.

މިމެޗުން މޮޅުވެގެން ނޫން ގޮތަކަށް ކަސްޓަމްސްއަށް މުބާރާތުގައި ކުރިއަށް ދެވެން ނެތުމުން މިމެޗަކީ ވަރަށް ޕްރެޝަރު އަދި ފޯރިގަދަވާނެ މެޗަކަށް ވާނެކަމަށް ވަނީ ބެލެވިފައެވެ. މުބާރާތުގައި މިހާތަނަށް ފެނިގެން ދިޔަ އެންމެ ވާދަވެރި އަދި ފޯރިގަދަ މެޗަކަށް މިމެޗު ވެގެން ގޮސްފައިވާއިރު މިމެޗު ނިމިގެން ދިޔައީ 4-4 އިން ދެޓީމު އެއްވަރު ވެގެންނެވެ.

މިމެޗުގައި އުރީދޫއަށް ގޯލްތައް ޖެހީ ޖުމައިލް ޖަމީލާއި، ހުސެއިން ޝަރީފްގެ އިތުރުން މުސްއަބު އަހުމަދެވެ. ކަސްޓަމަށް ގޯލްތައް ކާމިޔާބު ކުރީ ޝާމިން މުހައްމަދާއި މައުފޫޒް އާދަމްއެވެ. މިމެޗަކީ މިހާތަނަށް މުބާރާތުގެ އެންމެ ގިނަ ކާޑުވެސް ފެނިގެން ގޮސްފައިވާ މެޗެވެ. މިމެޗުގައި 6 ރީދޫ ކާޑާއި، ރަތްކާޑެއް ވަނީ ފެނިގެން ގޮސްފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އުރީދޫއަށް ދެގޯލް ކާމިޔާބުކުރި ޖުމައިލް ޖަމީލެވެ. ތިން ޓީމުގެ ހިމެނޭ މި ގުރޫޕުގް ކުއާޓާގެ ޖާގަ ޔަގީން ކުރި އަނެއް ޓީމަކީ އެސްޓީއޯއެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.