ޕްރިމިއާ ލީގުގައި މިރޭ ބާންލީގެ މައްޗަށް 2-0 އިން މެންޗެސްޓަރ ޔުނައިޓެޑް ކުރި ހޯދިއިރު، އެޓީމުގެ ފޯވާޑް މާކަސް ރަޝްފޯޑް އަށް ރަތްކާޑު ދައްކައިފިއެވެ.

މި މޮޅާއެކު ޔުނައިޓެޑް އޮތީ ހަ ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ. ބާންލީ އޮތީ އެންމެ ޕޮއިންޓަކާ އެކު ލީގުގެ 19 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 12 ޕޮއިންޓާ އެކު އޮތީ ލިވަޕޫލްއެވެ.

ބާންލީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 27 ވަނަ މިނެޓްގައި ރޮމެލޫ ލުކާކޫ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލު ލުކާކޫ ކާމިޔާބުކުރީ ސަންޗޭޒް ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި ފުރަތަމަ ހާފްގެ ފަހުވަގުތުކޮޅު ޔުނައިޓެޑްގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ލުކާކޫއެވެ.

އަދި ދެވަނަ ހާފްގައި ހެޓްރިކެއް ފުރިހަމަކޮށްލަން ވެސް ލުކާކޫ އަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް ބާންލީގެ ކީޕަރު ޖޯ ހާޓް ކައިރިން ނައްޓާލުމަށްފަހު ލުކާކޫ ފޮނުވާލި އެ ހަމަލާ ދިޔައީ ބޭރަށެވެ.

ދެވަނަ ހާފްގައި ލީޑު ފުޅާކޮށްލަން ޔުނައިޓެޑަށް ޕެނަލްޓީ އެއް ވެސް ލިބިފައިވެއެވެ. މި ޕެނަލްޓީ ޔުނައިޓެޑަށް ލިބުނީ ބާންލީގެ ކުޅުންތެރިއަކު ޔުނައިޓެޑްގެެ ރަޝްފޯޑް އަށް ކުރި ފައުލަކާ ގުޅިގެން ކަމަށްވާއިރު ޕޯލް ޕޮގްބާ ފޮނުވާލި އެ ޕެނަލްޓީ ހާޓް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 71 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ރަޝްފޯޑް އަށް ރަތްކާޑު ދެއްކުމުން މި މެޗު އެޓީމުން ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ. ރަޝްފޯޑް އަށް ރަތްކާޑު ދެއްކީ ބާންލީގެ ބާޑްސްލީ ކުރި ފައުލަކާ ގުޅިގެން ރުޅި އައިސްގެން އޭނާއަށް ހަމަލާދިނުމާ ގުޅިގެންނެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވިއިރު މިއީ ދެ މެޗަށްފަހު ލީގުގައި ޔުނައިޓެޑުން ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި އެންމެފަހުން ކުޅުނު ދެ މެޗުން ވެސް ޔުނައިޓެޑް ވަނީ ބަލިވެފައެވެ. އެ މެޗުތަކުގައި އެޓީމު ބައްދަލުކުރާނީ ޓޮޓެންހަމް އާއި ބްރައިޓަންއާއެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ވޮޓްފޯޑްއާއެވެ.