މެންޗެސްޓާ ޔުނައިޓެޑްގެ ތަރި މާކޮސް ރަޝްފޯޑް ބޭނުން ވަނީ ޔުނައިޓެޑްގައި މަޑު ކުރަން ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ރަޝްފޯޑް ޔުނައިޓެޑްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2024 ގައި ހަމަވާނެއެވެ. އެހެންވެ، ރަޝްފޯޑާއި ޔުނައިޓެޑްއާ ދެމެދު ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ކުރިއަށްދާތާ ދުވަސްތަކެއްވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި މަޝްވަރާތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އަދި ސަޕޯޓަރުން ވެސް ބޭނުން ވަނީ އަންނަ ސީޒަންގައި ރަޝްފޯޑް ޔުނައިޓެޑްގެ ޖާޒީގައި ފެންނާށެވެ.

ޔުނައިޓެޑުން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޔުނައިޓެޑް ކޯޗު ބުނީ އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިނުކޮށް ލަސްވެފައިވާތީ އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ކޯޗު ޓީމުގެ ހުރިހާ އަމާޒެއް ހުރީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކަމަށެވެ.

"މާކޮސް (ރަޝްފޯޑް) ބޭނުން ވަނީ މަޑު ކުރަން. އަދި އަހަރެން ބޭނުން ވަނީ އެ ކުލަބުން އޭނާ ފެންނަން. އެހެންވީމަ އެކަމުގައި ހައްލެއް ހޯދޭނެ،" ޔުނައިޓެޑް ކޯޗު ބުންޏެވެ.

މީގެކުރިން ރިޕޯޓުތަކެއް ބުނެފައިވާ ގޮތުގައި ރަޝްފޯޑް ކޮންޓްރެކްޓެއްގައި ސޮއިނުކޮށް ލަސް ކުރަނީ އޭނާ އަށް ހަފްތާއަކު ލިބޭ މުސާރަ 500،000 ޕައުންޑަށް ބޮޑު ނުކުރާތީއެވެ. އެކަމަކު، މީޑިއާގައި ދެކެވުނު އެ ވާހަކަތައް ރަޝްފޯޑް ވަނީ ދޮގުކޮށްފައެވެ.

މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަޝްފޯޑް ވަނީ ކުޅުނު 53 މެޗުގައި 29 ގޯލް ޖަހައި 11 އެސިސްޓް ހަދައިފައެވެ. ޕްރިމިއާ ލީގުގައި އެންމެ ފަހުން ޔުނައިޓެޑުން ވުލްވްސްއާ ކުޅެ 2-0 އިން މޮޅުވި މެޗުގައި ރަޝްފޯޑަށް އަނިޔާގެ ސަބަބުން ނުކުޅެވެއެވެ. ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ރަޝްފޯޑަށް ނުކުޅެވުނަސް، އޭނާ ވަރަށް އަވަހަށް ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށްވެއެވެ.

ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި ބާކީ ތިން މެޗު އޮތް އިރު، އެފްއޭ ކަޕްގެ ފައިނަލްގައި ވެސް ކުޅެން ޖެހެއެވެ. އެފްއޭ ކަޕްގެ ފައިނަލްގައި އެ ޓީމު ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.