ލިއޮނަލް މެސީގެ ދެ ގޯލާއެކު ހުއެސްކާގެ މައްޗަށް ބާސެލޯނާ އިން 2-8 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ނުވަ ޕޮއިންޓާއެކު ބާސާ އޮތީ ސްޕެނިޝް ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ބާސާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ރޭގެ މެޗުން ބަލިވި ހުއެސްކާ އޮތީ ހަތަރު ޕޮއިންޓާއެކު ލީގުގެ 14 ވަނައިގައެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ހަނާންޑޭޒް ވަނީ ހުއެސްކާ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 16 ވަނަ މިނެޓްގައި މެސީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދިންއިރު މެޗުގެ 24 ވަނަ މިނެޓްގައި ބާސާ އިން ވަނީ ލީޑު ނަގާފައެވެ. ބާސާގެ މި ގޯލަކީ ހުއެސްކާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ބާސާގެ ތިންވަނަ ގޯލު މެޗުގެ 39 ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ފަލްގުއެރާ ވަނީ ހުއެސްކާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު އެޓީމަށް ކުޑަކޮށްދީފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބާސާ އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޑެމްބެލޭ ވަނީ ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ބާސާގެ ފަސްވަނަ ގޯލު މެޗުގެ 52 ވަނަ މިނެޓްގައި އިވާން ރަކިޓިޗް ކާމިޔާބުކޮށްދިންއިރު އޭގެ ނުވަ މިނެޓްފަހުން މެސީ ވަނީ އެޓީމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ބާސާގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ އަލްބާ އާއި ސުއަރޭޒްއެވެ.

ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބާސާ މޮޅުވެފައިވާއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ރެއާލް ސޮސިއެޑާޑްއާއެވެ.