އާސެނަލްގެ ކޯޗު، އާސެން ވެންގާ އަކީ އެއްވެސް ގޮތަކަށް ހަގީގީ ކޯޗެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އާސެނަލްގެ ލެޖެންޑު ލީ ޑިކްސޮން ބުނެފިއެވެ.

އާދިއްތަ ދުވަހު ޕްރިމިއާ ލީގު މެޗެއްގައި ބްރައިޓަން އާއި ބައްދަލުކޮށް 2-1 ގެ ނަތީޖާ އިން އާސެނަލް ބަލިވި މެޗައް ފަހުގައި ޑިކްސަން މިހެން ބުނެފައި ވާއިރު، ލީގު ކަޕުގެ ފައިނަލް މެޗުގައި މެންޗެސްޓާރ ސިޓީ އާއި ވާދަ ކުރި މެޗުން ވެސް ވެންގާގެ ޓީމު ވަނީ ނާކާމިޔާބު ވެފައިކަން ފާހަގަކޮށްލެވެއެވެ.

އާސެނަލް މިވަގުތު އޮތީ ލީގު ތާވަލްގެ 4ވަނާގައި ކަމަށް ވާއިރު، އެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ނެގުނު ވޯޓަކުން ދައްކާ ގޮތުގައި %88 މީހުން ތިބީ ވެންގާ އެ ކްލަބުން ބޭރު ކުރަން ބޭނުންވެފައި ކަން ވަނީ ހާމަ ވެގެން ގޮސްފައެވެ.

އާސެނަލް އަށް 14 އަހަރު ކުޅެދީފައިވާ ޑިކްސަން ވެންގާ އަކީ ހަގީގީ ކޯޗެއް ނޫން ކަމަށް ބުނެފައި ވާއިރު، އެ ކްލަބުގެ އެހެން ބައެއް ލެޖެންޑުންވެސް ވަނީ ވެންގާ އަށާއި އޭނާގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

މި ސީޒަނުގައި ވެންގާ އަށް އޭނާގެ ކްލަބާއި އެކު ސަޕޯޓަރުން ބޭނުންވާ ވަރުގެ ނަތީޖ އެއް ނެރެވިފައި ނުވާ އިރު، މީސް މީޑިއާގައި ވެންގާ އާއި ދެކޮޅަށް ޝުއޫރު ފާޅު ކުރަމުން އަންނަ މީހުން މަދު ނޫންކަންވެސް ފާހަގަކޮށްލެވެއެވެ.