މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އިއްޔެ ކުޅުނު ރ. އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗުތަކަށްފަހު ދުވާފަރާއި އަލިފުށި ފައިނަލުން ޖާގަ ހޯދިއިރު، ހއ. އަތޮޅު ބުރުގެ ސެމީ އަށް މާރަންދޫ، އުތީމު، ދިއްދޫ އަދި ބާރަށް ދަތުރުކޮށްފިއެވެ.

ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ރ. އަތޮޅުގެ ސެމީގައި ހުޅުދުއްފާރު އަތުން ދުވާފަރު މޮޅުވީ 1-7 އިންނެވެ. މި މެޗުގައި ދުވާފަރުގެ އިސްމާއިލް އީސާ އާއި މުޙައްމަދު އިޝާމް ވަނީ ހެޓްރިކެއް ހަދައިފައެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އަހުމަދު އީރާސް އެވެ. ހުޅުދުއްފާރުގެ ހަމައެކަނި ލަނޑުޖަހައިދިނީ ހުސައިން ޝައްމާހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދުވާފަރުގެ އީސާ އެވެ.

ރ. އަތޮޅުގެ ދެވަނަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން، އިނގުރައިދޫ އަތުން އަލިފުށި މޮޅުވީ 1-2 އިންނެވެ. މި މެޗުގައި އަލިފުށީ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ހުޝާމް އާއި އަބްދުއްސަމީއު ހަސަން އެވެ. އިނގުރައިދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ މުޙައްމަދު މަމްދޫހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލިފުށީގެ ހުޝާމް އެވެ.

ރޭ ކުޅުނު ހއ. އަތޮޅުގެ ކުއާޓާ ފައިނަލް މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މާރަންދޫން ވަނީ ޕެނަލްޓީ ޖަހައިގެން 6-3 އިން ހޯރަފުށި ބަލިކޮށްފައެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ.

ހއ. ވަށަފަރު ކަޓުވާލާ ބާރަށުން ސެމީ އަށް ދަތުރުކުރީ ޕެނަލްޓީގައި 7-8 އިން ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފައެވެ.

ހއ. ދިއްދޫން ވަނީ ޕެނަލްޓީ ޖަހައިގެން 8-7 އިނ ފިއްލަދޫ ބަލިކޮށްފައެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ.

ހއ. އަތޮޅުގެ ކުއާޓާގެ އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އުތީމުން ވަނީ 5-2 ގެ ނަތީޖާއަކުން އިހަވަންދޫ ބަލިކޮށްފައެވެ. ރެހެންދި ފުޓްސަލް ގްރައުންޑް ދޭއްގައި ރޭ ކުޅުނު މި މެޗުގައި އުތީމުގެ ލަނޑުތައް ޖަހައިދިނީ ތާހާ މުޙައްމަދު ދެ ގޯލާއި، މުޙައްމަދު ރިޝްމީ، މުޙައްމަދު ނަބީލް އާއި އަހުމަދު އައިހަމް އެވެ. އިހަވަންދޫގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް ހާމިދު އާއި އަހުމަދު ސާޖިދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އުތީމުގެ އައިހަމް އެވެ.