މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ފ. ދަރަނބޫދޫން ބޮޑު މޮޅެއް ހޯދިއިރު، ފ. ބިލެއްދޫ އާއި ދ. ކުޑަހުވަދޫ ވެސް މޮޅުވެއްޖެއެވެ.

ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗުގައި ފ. ފީއަލީ އަތުން އެ އަތޮޅު ދަރަނބޫދޫ މޮޅުވީ 1-9 އިންނެވެ. ފ. ނިލަންދޫ އަތުން އެ އަތޮޅު ބިލެއްދޫ މޮޅުވީ 2-4 އިންނެވެ.

ދ. އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ކުޑަހުވަދޫން ވަނީ 4-1 އިން މީދޫ ބަލިކޮށްފައެވެ. މި މެޗުގައި ކުޑަހުވަދޫގެ ލަނޑުތައް ޖަހައިދިނީ ޖުމައިލް ޖަމީލް (ޖުމްބެ) ދެ ގޯލާއި، ހާރޫން އިބްރާހިމް އާއި ހުސައިން އިފްހާމް އެވެ. މީދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ ޝާއިމް ޝިޔާމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ ޖުމްބެ އެވެ.

ރޭ ކުޅުނު ސ. އަތޮޅު ބުރުގެ މެޗުތަކަށް ބަލާއިރު، މަރަދޫއާ މަރަދޫފޭދޫ ބައްދަލުކުރި މެޗުން ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވިއިރު، ފޭދޫއާ ހިތަދޫ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ގއ. އަތޮޅާއި ހދ. އަތޮޅުގެ މެޗުތަކެވެ. މިރޭގެ މެޗުތައް ފަށާނީ ރާއްޖޭގަޑިން 8 ޖަހާއިރު އެވެ.