މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު ހދ. ނޭކުރެންދޫ، ހދ. ނައިވާދޫ، ހދ. ނޮޅިވަރަންފަރު އަދި ހދ. ނޮޅިވަރަން ވަނީ އެ އަތޮޅުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ހދ. އަތޮޅުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި ނޭކުރެންދޫން ވަނީ 3-0 އިން ހަނިމާދޫ ބަލިކޮށްފައެވެ. މި މެޗުގައި ނޭކުރެންދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ރާއިފް ފަޒީލް، މުޙައްމަދު ވިލްފް އާއި އަލީ އިފާޒް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޭކުރެންދޫގެ ވިލްފް އެވެ.

ހދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ނައިވާދޫން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މަކުނުދޫ ބަލިކޮށްފައެވެ. މި މެޗުގައި ނައިވާދޫގެ އަބްދުﷲ ވިސާމް ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ ޔާމިން މުޙައްމަދު (ޔާންޓެ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، ހުސައިން މައިޝާން އާއި ހަސަން ތާއިފް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫގެ ޔާންޓެ އެވެ.

ހދ. ނޮޅިވަރަންފަރުން ސެމީ އަށް ދަތުރުކުރީ ކުއާޓާގައި ޕެނަލްޓީޖަހައިގެން 9-8 އިން ނެއްލައިދޫ ބަލިކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފައެވެ.

ހދ. އަތޮޅުގެ ކުއާޓާގެ ފަހު މެޗުގައި ނޮޅިވަރަމުން ވަނީ 3-1 އިން ވައިކަރަދޫގެ މައްޗަށް ކުރިހޯދައިފައެވެ.

ރޭ ކުޅުނު ގއ. އަތޮޅުގެ މެޗުތަކަށް ބަލާއިރު އެންމެ ފަހުގެ އަތޮޅު ބުރުގެ ރަނަރަޕް، ނިލަންދޫން ވަނީ 3-2 އިން ދާންދޫ ބަލިކޮށްފައެވެ. މި މެޗުގައި ނިލަންދޫގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޒިހުނީ، މުޙައްމަދު ޝާވިން ހުސެއިން އާއި މުޙައްމަދު ޒާހިލް އަހުމަދު އެވެ. ދާންދޫގެ ލަނޑުތައް ޖަހައިދިނީ ހަސަން ސައީދު އާއި އަހުމަދު ހަސަން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިލަންދޫގެ އިބްރާހިމް މަމްދޫހު (މަމޭ) އެވެ.

މާމެންދޫ އަތުން 0-1 އިން ކޮނޑޭ މޮޅުވިއިރު، ވިލިނގިލި އަތުން ކަނޑުހުޅުދޫ މޮޅުވީ 0-4 އިންނެވެ. ދެއްވަދޫން ވަނީ 3-1 އިން ކޮލަމާފުށި ބަލިކޮށްފައެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅާއި، އއ. އަތޮޅުގެ އިތުރުން ތ. އަތޮޅު ބުރުގެ މެޗުތަކެވެ. މިރޭގެ މެޗުތައް ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ.