މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު ހއ. އުތީމާއި ހއ. ދިއްދޫން އަތޮޅު ބުރުގެ ފައިނަލަށް ދަތުރުކުރިއިރު، ގދ. ވާދޫ އާއި ދ. ކުޑަހުވަދޫން ބޮޑު މޮޅެއް ހޯދައިފިއެވެ.

ހއ. އަތޮޅުގެ ސެމީ ފައިނަލްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި އެންމެ ފަހުގެ ޗެމްޕިއަން، އުތީމުން ވަނީ 5-4 އިން މާރަންދޫ ބަލިކޮށްފައެވެ.

މި މެޗުގައި އުތީމުގެ ލަނޑުތަކުގެ ތެރެއިން ތާހާ މުހައްމަދު އާއި މުހައްމަދު ނަބީލް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި، އަހުމަދު އައިހަމް ގޯލެއް ޖެހިއެވެ. މާރަންދޫގެ ހަތަރު ލަނޑުގެ ތެރެއިން ހަމްދޫން އަބްދުލް ލަތީފު ދެ ގޯލްޖެހިއިރު އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނީ މުޙައްމަދު ތަހްސީން އާއި އަހުމަދު މުޙައްމަދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އުތީމުގެ ނަބީލް އެވެ.

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ގދ. ވާދޫގެ މުޙައްމަދު ނާއިލް އުފާ ފާޅުކުރަނީ. --ފޮޓޯ: ވަގުތު އިމޭޖަސް / އަބްދުﷲ އަބީދު

ހއ. އަތޮޅުގެ ސެމީގެ އަނެއް މެޗުގައި ދިއްދޫން ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެ އަތޮޅު ބާރަށް ބަލިކޮށްފައެވެ. މި މެޗުގައި ދިއްދޫގެ ފާއިގް އަހުމަދު އާއި ހައިސަމް ރަޝީދު ކުރެން ކޮންމެ ކުޅުންތެރިއަކު ހެޓްރިކް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ މުޙައްމަދު ޝަނާއު ރަޝީދު އެވެ. ބާރަށުގެ ހަމައެކަނި ލަނޑުޖަހައިދިނީ އަހުމަދު ފައިޒާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދިއްދޫގެ ފާއިގް އެވެ.

ދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ކުޑަހުވަދޫން ވަނީ 8-1 އިން އެ އަތޮޅު ބަނޑިދޫ ބަލިކޮށްފައެވެ. މި މެޗުގައި ކުޑަހުވަދޫގެ މުޙައްމަދު އަރީޝް އާއި ޖުމައިލް ޖަމީލް (ޖުމްބެ) އަދި އަބްދުﷲ ޝަރުމަދް ދެ ގޯލްޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ހުސެއިން އައިހަމް އާއި އިސްމާއިލް ޒިދާން އެވެ. ބަނޑިދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ އިބްރާހިމް އަފްނާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ އަރީޝް އެވެ.

ހއ. އުތީމާއި ހއ. މާރަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވަގުތު އިމޭޖަސް / އަބްދުﷲ އަބީދު

ރޭ ކުޅުނު ގދ. އަތޮޅުގެ މެޗުތަކަށް ބަލާއިރު އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް، ވާދޫން ވަނީ 6-1 އިން ހޯނޑެއްދޫ އަތުން މޮޅުވެފައެވެ. މި މެޗުގައި ވާދޫގެ މުޙައްމަދު އިޔާދު އަލީ އާއި މުޙައްމަދު ނާއިލް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ނަޝާހު މުޙައްމަދު އާއި އިބްރާހިމް ޝައުފް މުޙައްމަދު އެވެ. ހޯނޑެއްދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ ސައިން އަސްލަމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާދޫގެ ނާއިލް އެވެ.

ގދ. ގައްދޫ އަތުން އެ އަތޮޅު ތިނަދޫ މޮޅުވީ 0-1 އިންނެވެ.

ފ. އަތޮޅު ބުރުގައި ރޭ މަގޫދޫން 4-2 ގެ ނަތީޖާއަކުން ފީއަލި ބަލިކުރިއިރު، ނިލަންދޫ އަތުން ދަރަނބޫދޫ މޮޅުވީ 4-5 އިންނެވެ. ރޭ ކުޅުނު މެޗުތަކަށްފަހު ފ. އަތޮޅުގެ ފައިނަލުން ޖާގަ ހޯދައިފައިވަނީ ބިލެއްދޫ އާއި ދަރަނބޫދޫ އެވެ.