ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ ޖޫނިއާ ކެޓަގަރީގެ އަށް ވަނައިގައި ރާއްޖޭގެ އުއްމީދީ ކުޅުންތެރިޔާ އުމުރުން 13 އަހަރުގެ ފާތިމަތު ދީމާ އަލީ ހިމެނިއްޖެ އެވެ.

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އާންމުކުރި ރޭންކިން ދައްކާގޮތުން ދީމާ ހިމެނިފައިވަނީ ދުނިޔޭގެ 15 އަހަރުންދަށުގެ އަންހެން ކުޅުންތެރިންގެ ރޭންކިންގެ އަށް ވަނައިގައެވެ. މިއީ ރޭންކިންގައި ދިވެހި ކުޅުންތެރިއަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ޝަރަފެވެ.

ދުނިޔޭގެ ޓީޓީ ރޭންކިންގެ އަށް ވަނައިގައި ދީމާ ހިމެނެނީ ޖުމްލަ 1028 ޕޮއިންޓާއެކު އެވެ. މި އުމުރުފުރާގެ އެއް ވަަނައިގައި އޮތީ 3144 ޕޮއިންޓާ އެކު ޖަޕާނުގެ މިވާ ހަރިމޯޓޯ އެވެ. ދީމާ ވަނީ ދުނިޔޭގެ ޓީޓީގެ ބޮޑެތި ގައުމުތަށް ކަމަށްވާ ޖަޕާނާއި ޗައިނާގެ އިތުރުން އެމެރިކާ އާއި އިންޑިއާގެ ގިނަ ކުޅުންތެރިންތަކެއް ފަހަތަށް ޖައްސާލާފައެވެ.

ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާއި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ދީމާ ހޯދި މި ކާމިޔާބީގެ އަގުވަޒަންކޮށް މިއީ ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ފަހަކަށް އައިސް ރާއްޖޭގެ ޓީޓީން ހޯދަމުންދާ ބޮޑެތި ކާމިޔާބީތަކުގައި ދީމާގެ ދައުރު ވަރަށް ބޮޑެވެ. އަދި މިހާތަނަށް އައި އިރު ދީމާ ވަނީ ރާއްޖެއަށް ރީިތި ނަންތަކެއް ހޯދައިދީފައެވެ. މި ކާމިޔާބތަކުގައި ދީމާގެ ފަހަތުން އެންމެ ބޮޑު އެއްބާރުލުމެއް ދޭ އެއްބަޔަކީ ދީމާގެ މަންމަ އައިޝަތު ވަހީދާ އާއި ދީމާގެ ބައްޕަ ސައްތާރެވެ. މިހާތަނަށް އައި އިރު ދީމާ ބައިވެރިވި ކޮންމެ މުބާރާތެއްގައި އޭނާގެ މަންމައާއި ބައްޕަގެ ބައިވެރިވުން ބޮޑެވެ.

ސްރީލަންކާގެ ޔޫތް ސިސްޓަމްގެ ތެރެއިން ތަމްރީނުވި ދީމާ އެންމެ ބޮޑަށް ވިދާލާފައިވަނި މެލޭޝިއާގައި 2016 ވަނަ އަހަރު ބޭއްވި 11 އަހަރުންދަށުގެ މުބާރާތަކުންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު ގިނަ ބަޔަކަށް ދީމާ މަގްބޫލުވެގެންދިޔަ އެވެ. އޭގެފަހުން ލަންކާއިން ވަނީ ދީމާއަށް އެ ގައުމުގެ ރަށްވެހިކަން ދޭން މަސައްކަތްކޮށްފައެވެ. ނަމަވެސް ދީމާގެ މައިންބަފައިން ބޭނުންވީ ރާއްޖޭގެ ޓީޓީއެވެ.

ރާއްޖޭގެ ޓީޓީން ހޯދި ތާރީހީ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި ރިޔޫނިއަންގައި 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި 3 ރަން މެޑަލް ހޯދުން ފާހަގަކުރެވެއެވެ. މި ކާމިިޔާބީގައި އެންމެ ބޮޑު ރޯލެއް އަދާކުރި އެއް ކުޅުންތެރިއަކީ ދީމާ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މާޝާﷲ މަރްޙަބާ ދަރިފުޅާ.
    ރާއްޖޭ ފަޚްރުވެރިވާ ލޮބުވެތި ދަރިއެއް.
    ކުރިއެރުމާއި ކާމިޔާބު މިންވަރު ކުރައްވާށި އާމީން.
    މުސްލިމު ޤައުމަކަށް އުފަން ، މުސްލިމު މަންމައަކާއި ބައްޕަ އެއްގެ ލޮބުވެތި ދަރިއެއް.
    ކުޅިވަރުގައި ކިތައްމެ ކުރިއަށް ދިޔައަސް މުސްލިމުންގެ މިންގަނޑަށް ފެތިގެން ހެދުން އަޅާލަމާ. ނަމޫނާއަކަށް މިދޭތެރެއިން އެމްއެންޑީއެފް ގެ އަންހެން ބޭކަނބަލަކު ޣައިރު މުސްލިމު ޤައުމެއްގައި ޓްރެއިނިންގ ހަދާ ހޯދި މަތިވެރި ކާމިޔާބީ. މާޝާﷲ . މުސްލިމުން ގެ ގޮތަކީ ﷲސުބްޙާނަހޫ ވަތަޢާލާ އެންގެވި ގޮތަށް މަސައްކަތް ކުރުން.