އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި އެތުލެޓިކްސްގެ 4 ގުނަ 400 މީޓަރު ދުވުމުގެ މިކްސް ޓީމް ރިލޭގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިން ލޯ މެޑަލް ހޯދައިފިއެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމުން ހޯދި ތިންވަނަ ލޯ މެޑަލް ހާސިލްކުރި ޓީމުގައި ހިމެނެނީ ހަސަން ސާއިދާއި، ހުސައިން ރިޒާ (ކުޑަ ރިޒާ)އާއި ޒިވާ މޫސާ ޝަފީޢުގެ އިތުރުން އައިޝަތު ހިމްނާ ހަސަނެވެ.

މިއަދު ކުރިއަށްދިޔަ އިވެންޓްގައި ރާއްޖޭގެ ކުޅުންތެރިން ރިލޭ ނިންމީ 3 މިނެޓު 33.86 ސިކުންތުންނެވެ. އެއްވަނަ ހޯދީ މަޑަގަސްކަރައިގެ ޓީމުން ވަނީ 3 މިނެޓު 29.68 ސިކުންތުގެ ތެރޭގައި ރޭސް ނިންމާފައެވެ.

ދެވަނަ އަށް ދިޔައީ ރީޔޫނިއަންގެ ރިލޭ ޓީމެވެ. އެ ޓީމުން ރޭސް ނިންމީ 3 މިނެޓު 30.33 ސިކުންތުންނެވެ. މި އިވެންޓްގައި ދެން ވާދަކުރީ މޮރީޝަސް، މަޔޯޓް އަދި ސީޝެލްސް އެވެ.

މިފަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ މިކްސް ރިލޭ ޓީމުން މި ހޯދި މެޑަލް ހާއްސަވާ ސަބަބަކީ، މިއީ މިކްސް ރިލޭގައި ހޯދި ފުރަތަމަ މެޑަލް ކަމަށްވުމެވެ.