އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އަންހެން ޑަބަލްސް އިވެންޓްގައި ރާއްޖޭގެ ޕެއާ ކަމަށްވާ، ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ރަން މެޑަލް ހޯދައިފިއެވެ.

އެންމެ ފަހުން ބޭއްވި 2019 ވަނަ އަހަރުގެ އައިއޯއައިޖީގެ އަންހެން ޑަބަލްސް އިވެންޓުން ރަން މެޑަލް ހާސިލްކުރީ ވެސް ދީމާ އާއި ރަފާގެ ޕެއާ އެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރަ ގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި ރާއްޖޭގެ ދީމާ އާއި ރަފާގެ ޕެއާ ވަނީ ފައިނަލްގައި މޮރިޝަސްގެ ހޮސެނަލީ އޫމެހާނީ ޓަޔޭ އާއި ޖަލިމް ނަންދޭޝްވަރީގެ ޕެއާ އަތުން ސީދާ ތިން ސެޓުން މޮޅުވެފައެވެ.

މިރޭ ކުޅުނު އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލް މެޗުގެ ސެޓުތައް ދީމާ އާއި ރަފާ ކާމިޔާބުކުރީ 11-03، 11-08، އަދި 11-06 އިންނެވެ.

މުންސިފް (ވ) އާއި ޝައްފާން މެޑަލް އާއެކު ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ސުއާދު އަބްދުއްސައްތާރު / އެމްއޯސީ

ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު އާއި މުޙައްމަދު ޝައްފާން އިސްމާއިލްގެ ޕެއާ އަށް ރިހި މެޑަލް ލިބުނީ ފައިނަލްގައި މަޑަގަސްކަރައިގެ ނަޓިވެލް ޖޮނަތަން އާއި ރަންޑްރިއާނަންޓޮއަންޑްރޯ މަހެފާ ލޫސިއާނޯ އަތުން ބަލިވުމުންނެވެ.

މި އިވެންޓްގެ ފައިނަލްގައި ރާއްޖޭގެ މުންސިފް އާއި ޝައްފާންގެ ޕެއާ ބަލިވީ 09-11، 08-11، އަދި 04-11 އިންނެވެ.

މީގެއިތުރުން، އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ވާދަކުރީ ރާއްޖޭގެ ޕެއާ ތަކަށް ވަނީ ނާކާމިޔާބުވެފައެވެ. އަންހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުން ރާއްޖޭގެ މިޝްކާ އާއި ލައިސާގެ ޕެއާ ބަލިވިއިރު، ފިރިހެން ޑަބަލްސް ތިންވަނަ ހޮވާ މެޗުން އަޚްޔަރު އާއި ޒީސްތުގެ ޕެއާ ވެސް ވަނީ ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިޔަމި

    ސާބަސް

  2. ހުވަދޫ އަލިބެއްޔާ

    ރަފާ ދަތްޕިލަ ހާދަ ރަތްކޮށް..

  3. ޓީޓީ މޭން

    މިކުދިން ބައިތިއްބާފަ ތިބި ހޮޓަލުގެ ހާލަތު ދައްނަވަމެސް، މިކުދިން ހިތްވަރުކޮށް ރެކޯޑް އަދަދަކަށް މެޑަލްހޯދީތީވެ ވަރަށް ބޮޑަށް މަރުހަބާ ކިޔަން، އަދި އޮލިމްޕިކް ކޮމެޓީގެ އެސްޖީގެ އިސްތިއުފާއަށް ގޮވާލާން. ފެއިލިއަރ!!!

    • މުލީ

      ވަރަށް ފެންވަރުދަށް ހޮޓަލެއްގައި ޓީޓީ ޓިމު ބައިތިއްބާފަތިބީ، ކެއުން ރަގަޅެއްނޫން. ފެނެއްނުލިބޭ، ކަރަންޓްކެޑޭ. އޮލިމްޕިކް ކޮމެޓީގެ އެސްޖީގެ އިސްތިއުފާއަށް ގޮވާލާން.