އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ތިން ޕެއާ އެއް ބެޑްމިންޓަން މިކްސް ޑަބަލްސް އިވެންޓްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި މިއަދު ކުޅުނު މިކްސް ޑަބަލްސް އިވެންޓްގެ ގަދަ 16 ގެ މެޗުތަކަށްފަހު ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) ގެ ޕެއާ، އަހުމަދު ނިބާލް އާއި އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) ގެ ޕެއާ އަދި މުޙައްމަދު އަޖުފާން ރަޝީދު އާއި މައިސާ ފަތުހުﷲ އިސްމާއިލް ވަނީ ކުއާޓާ އިން ޖާގަ ހޯދާފައެވެ.

ރާއްޖޭގެ އެއްވަނަ މިކްސް ޑަބަލްސް ޕެއާ ކަމަށްވާ، ޒަޔާން އާއި ނަބާ ވަނީ 2-1 ސެޓުން މޮރީޝަސްގެ އަލެކްސް ބޮންކޮއުޓް އާއި ކޮބީޓާ ދޫކީގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ޒަޔާން އާއި ނަބާގެ ޕެއާ ގެންދިޔައީ 21-16, 19-21 އަދި 21-19 އިންނެވެ.

މި އިވެންޓްގެ ގަދަ 16 ބުރުގެ މެޗުގައި ރާއްޖޭގެ އަޖުފާން އާއި މައިސާގެ ޕެއާ ވަނީ މަޑަގަސްކަރަގެ މާކް ހާޖާ އާއި ފެނިޓްރާ އަރިޖޭސާގެ ޕެއާ އަތުން 21-14, 21-07 އިން މޮޅުވެފައެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި ވާދަކުރި ރާއްޖޭގެ ނިބާލް އާއި ނަބީގެ ޕެއާ ވަނީ މަޑަގަސްކަރަގެ ޖޫލިއޯ ރެންޑްރިއަމަލާލާ އާއި ސޮނައިނާ ރަޒާނަމާލީގެ ޕެއާ އަތުން 21-09, 21-12 އިން މޮޅުވެފައެވެ.

ގަދަ 16 ގެ ބުރުގައި ދެން ވާދަކުރި ރާއްޖޭގެ އަނެއް ޕެއާ ކަމަށްވާ، މުޙައްމަދު ތޯއިފް އަހުމަދު އާއި އައިޝަތު އަފްނާން ރަޝީދު ވަނީ މޮރީޝަސްގެ ޖޫލިއަން ޕޯލް އާއި ކޭޓް ލުޑިކްގެ ޕެއާ އަތުން ބަލިވެފައެވެ. މި މެޗުން މޮރީޝަސްގެ ޕެއާ މޮޅުވީ 21-16, 21-05 އިންނެވެ.

މި ފަހަރުގެ އައިއޯއައިޖީގައި ގައުމީ އަންހެން އަދި ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ޓީމް އިވެންޓްގައި ރިހި މެޑަލް ހާސިލްކޮށްފައެވެ.