ކެރަމް ސިލެކްޝަންގައި ރޭ ކުޅުނު މެޗުތަކަށްފަހު ޔަމާން އަބްދުލް ޖަލީލް އާއި ފާތިމަތު ރަޔާނާ ގައުމީ ޓީމުން ޖާގަ ހޯދައިފިއެވެ.

ކެރަމް އެރީނާގައި މިހާރު ކުރިއަށްދާ މި ފަހަރުގެ ސިލެކްޝަންގައި ނިސްބަތުން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

މި ފަހަރުގެ ސިލެކްޝަންގެ ފިރިހެން ކުޅުންތެރިންގެ ބައިގެ ތިންވަނަ ބުރުގެ ފައިނަލްގައި ރޭ ޔަމާން ވަނީ އިބްރާހިމް ހުޖާން އަލީގެ މައްޗަށް 2-1 އިން ކުރިހޯދާފައެވެ. ފައިނަލް މެޗުގެ ސެޓުތައް ޔަމާން ގެންދިޔައީ، 25-9، 16-24، އަދި 25-18 އިންނެވެ.

ތިންވަނަ ހޮވާ މެޗުގައި އާދަމް އަދީލް ވަނީ ސީދާ ދެ ސެޓުން ޚާތިމް ޚަލީލް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަދީލް ގެންދިޔައީ، 15-14، 25-10 އިންނެވެ.

މުބާރާތުގެ އަންހެން ކުޅުންތެރިންގެ ބައިގައި ގައުމީ ޓީމުގެ ތިންވަނަ ޖާގަ ކަށަވަރުކުރި ރަޔާނާ ވަނީ 2-1 އިން އައިމިނަތު ޝުބާ އާދަމް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ރަޔާނާ ގެންދިޔައީ، 1-25، 19-14، އަދި 25-5 އިންނެވެ.

ތިންވަނަ ހޮވާ މެޗުގައި އައިޝަތު ނަހުފާ ވަނީ 2-1 ސެޓުން އާމިނަތު ވިޝާމާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ނަހުފާ ގެންދިޔައީ، 8-23، 17-14، އަދި 24-15 އިންނެވެ.