ކެރަމް ސިލެކްޝަންގައި އެންމެ ފަހުން ކުޅުނު މެޗުތަކަށްފަހު އަންހެން އަދި ފިރިހެން ފަސް ކުޅުންތެރިން ކަށަވަރުވެއްޖެއެވެ.

ކެރަމް އެރީނާގައި މި މަހުގެ 5 ވަނަ ދުވަހު ފެށި މި ފަހަރުގެ ސިލެކްޝަންގައި ނިސްބަތުން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

މި ފަހަރުގެ ސިލެކްޝަންގެ ފިރިހެން ކުޅުންތެރިންގެ ބައިގެ ހަތަރުވަނަ ބުރުގެ ފައިނަލްގައި މުޙައްމަދު މުންތަސިރު ވަނީ 2-1 ސެޓުން ޚާތިމް ޚަލީލް ބަލިކޮށްފައެވެ. އަންހެން ކުޅުންތެރިންގެ ބައިގެ ހަތަރުވަނަ ބުރުގެ ފައިނަލްގައި އައިޝަތު ނަހުފާ ވަނީ ސީދާ ދެ ސެޓުން އާމިނަތު ޝުބާ އާދަމް ބަލިކޮށްފައެވެ.

ސިލެކްޝަންގެ ފަސްވަނަ ޖާގަ ކަށަވަރުކުރީ ފައިނަލްގައި ސީދާ ދެ ސެޓުން ޚާތިމް ބަލިކުރުމަށްފަހު އާދަމް އަދީލް އެވެ. އަދި އަންހެން ކުޅުންތެރިންގެ ބައިގެ ފައިނަލްގައި އާމިނަތު ވިޝާމާ ވަނީ ސީދާ ދެ ސެޓުން ޝުބާ ބަލިކޮށްފައެވެ.

މިއާއެކު، މި ފަހަރުގެ ސިލެކްޝަން ނިމިގެންދިޔައިރު ގައުމީ ކެރަމް ޓީމުން ޖާގަ ހޯދި ކުޅުންތެރިންނަކީ؛ އިސްމާއިލް އަޒްމީން، ހަސަން ނާޒިމް، ޔަމާން އަބްދުލް ޖަލީލް، މުންތަސިރުގެ އިތުރުން އަދީލް އެވެ. މި ފަހަރުގެ ޓީމުގައި ހިމެނޭ އަންހެން ކުޅުންތެރިންނަކީ؛ އައިމިނަތު ވިދާދް، އައިޝަތު ފައިނާޒް، ފާތިމަތު ރަޔާނާ އާއި ނަހުފާގެ އިތުރުން ވިޝާމާ އެވެ.