މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކުން ހއ. ވަށަފަރު، ހއ. ދިއްދޫ، ހއ. އުތީމު އަދި ގއ. ކޮނޑޭ ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ރެހެންދި ފުޓްސަލް ގްރައުންޑް ދޭއްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ހއ. ވަށަފަރުން ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެ އަތޮޅު ތަކަންދޫ ބަލިކޮށްފައެވެ. މި މެޗުގައި ވަށަފަރުގެ ސާޖިދު ރަޝީދު އާއި އިބްރާހިމް ސަނޫން އަދި އަބްދުﷲ ސިނާން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ އަހުމަދު ތޯއިފް އާއި އީމަން ވަހީދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަށަފަރުގެ އަބްދުﷲ ސިނާން އެވެ.

ހއ. ދިއްދޫން ރޭ ކުޅުނު މެޗުގައި ވަނީ 7-2 އިން ހޯރަފުށި ބަލިކޮށްފައެވެ. މި މެޗުގައި ދިއްދޫގެ ފާއިގު އަހުމަދު ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ ހައިސަމް ރަޝީދު ދެ ގޯލްޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އިބްރާހިމް ނަވާފް ސައީދު އާއި މުޙައްމަދު ޝަނާއު ނަސީރު އެވެ. ހޯރަފުށީގެ ލަނޑުތައް ޖަހައިދިނީ އާދަމް މާހިލް އާއި އިބްރާހިމް ބިޝާރު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުުނީ ދިއްދޫގެ ހައިސަމް އެވެ.

ހއ. ފިއްލަދޫއާ ހއ. މުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވަގުތު އިމޭޖަސް / އަބްދުﷲ އަބީދު

އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ހއ. އުތީމުން ވަނީ 5-0 އިން ކެލާ އަތުން މޮޅުވެފައެވެ. މި މެޗުގައި އުތީމުގެ ލަނޑުތައް ޖަހައިދިނީ ތާހާ މުޙައްމަދު ދެ ގޯލާއި، އަހުމަދު އައިހަމް، މުޙައްމަދު މަޒީން އާއި މުޙައްމަދު ނަބީލް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އުތީމުގެ މުޙައްމަދު ރިފާއު (އަސްކާ) އެވެ.

ހއ. އަތޮޅު ބުރުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބާރަށް އަތުން ތުރާކުނު މޮޅުވީ 0-1 އިންނެވެ. ފިއްލަދޫން 2-0 އިން މުރައިދޫ ބަލިކުރިއިރު، މާރަންދޫއާ އިހަވަންދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭ ކުޅުނު ގއ. އަތޮޅުގެ މެޗުތަކަށް ބަލާއިރު، ކޮނޑޭ ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ދާންދޫ ބަލިކޮށްފައެވެ. މި މެޗުގައި ކޮނޑޭގެ އަލީ ފާރިހް މުޙައްމަދު ހަތަރު ލަނޑުޖެހިއިރު، އަހުމަދު އަނަސް ދެ ގޯލްޖެހިއެވެ. ދާންދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ އަހުމަދު ހަސަން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮނޑޭގެ ފާރިހް އެވެ.

ގއ. ނިލަންދޫއާ ގއ. ގެމަނަފުށި ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވަގުތު އިމޭޖަސް / އަބްދުﷲ އަބީދު

ގއ. ނިލަންދޫއާ ދެކޮޅަށް އެ އަތޮޅު ގެމަނަފުށި ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ނިލަންދޫގެ މައުފޫޒް އާދަމް ދެ ގޯލްޖެހިއިރު، އަނެއް ލަނޑުޖަހައިދިނީ މުޙައްމަދު ޒާހިލް އަހުމަދު އެވެ. ގެމަނަފުށީ ޓީމުގެ ލަނޑުތައް ޖަހައިދިނީ ހަސަން ތާއިމް ދެ ގޯލާއި، އަހުމަދު ޝާމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިލަންދޫގެ މައުފޫޒް އެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅާއި، ރ. އަތޮޅުގެ އިތުރުން ގއ. އަތޮޅު ބުރުގެ މެޗުތަކެވެ. މިރޭގެ މެޗުތައް ވެސް ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ.