މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކުން ހދ. ނޭކުރެންދޫ އާއި ހދ. ނައިވާދޫން ބޮޑު މޮޅެއް ހޯދިއިރު، ގއ. ކޮލަމާފުށި އަތުން ގއ. ވިލިނގިލި މޮޅުވެއްޖެއެވެ.

ރެހެންދި ފުޓްސަލް ގްރައުންޑް ދޭއްގައި ރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ހދ. އަތޮޅު ޗެމްޕިއަން، ނައިވާދޫން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެ އަތޮޅު ނޮޅިވަރަންފަރު ބަލިކޮށްފައެވެ.

މި މެޗުގައި ނައިވާދޫގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަބްދުﷲ ވިސާމް އަދި މިދުހަތު ފާއިޒް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ގޯލަކީ ނޮޅިވަރަންފަރުގެ އަހުޒާމް މުޙައްމަދު ރަޝީދު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫގެ ޝާއްޕެ އެވެ.

ގއ. ވިލިނގިލިއާ އެ އަތޮޅު ކޮލަމާފުށި ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވަގުތު އިމޭޖަސް / އަބްދުﷲ އަބީދު

ހދ. ކުޅުދުއްފުށި އަތުން އެންމެ ފަހުގެ އަތޮޅު މުބާރާތުގެ ރަނަރަޕް، ނޭކުރެންދޫ މޮޅުވީ ވެސް 0-7 އިންނެވެ. މި މެޗުގައި ނޭކުރެންދޫން ޖެހި ލަނޑުތަކުގެ ތެރެއިން މުޙައްމަދު ފަރުހާން އާއި މުޙައްމަދު ވިލްފް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ރާއިފް ފަޒީލް، އާދަމް ނަޝްވާން އާއި ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނޭކުރެންދޫގެ ވިލްފް އެވެ.

ހދ. ނެއްލައިދޫ އަތުން 3-1 އިން އެ އަތޮޅު ކުމުންދޫ ބަލިވިއިރު، ފިނޭ އަތުން ވައިކަރަދޫ މޮޅުވީ 1-2 އިންނެވެ. މަކުނުދޫ އަތުން ހަނިމާދޫ މޮޅުވީ ވެސް 1-2 އިންނެވެ.

ގއ. އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުގައި ކޮލަމާފުށި އަތުން ވިލިނގިލި މޮޅުވީ 0-3 އިންނެވެ. މި މެޗުގައި ވިލިނގިލީގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ރިފާއު ހަސަން، ހުސެއިން މިފްރާހު ވަހީދު އަދި އިސްމާއިލް އަޒީޒް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލިނގިލީ ޓީމުގެ މިފްރާހް އެވެ.

ގއ. ދެއްވަދޫއާ ގއ. ކަނޑުހުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވަގުތު އިމޭޖަސް / އަބްދުﷲ އަބީދު

ގއ. ދެއްވަދޫން 2-1 އިން ކަނޑުހުޅުދޫ ބަލިކުރިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަހްނަފް ރަޝީދު (އަހުއްކޮ) އެވެ. ކަނޑުހުޅުދޫގެ ހަމައެކަނި ލަނޑުޖަހައިިދިނީ އަހްނަފް ޒާހިރު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެއްވަދޫގެ އަހުއްކޮ އެވެ.

ރޭ ކުޅުނު ރ. ފައިނުއާ އެ އަތޮޅު ހުޅުދުއްފާރު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅާއި، އއ. އަތޮޅުގެ އިތުރުން ތ. އަތޮޅު ބުރުގެ މެޗުތަކެވެ. މިރޭގެ މެޗުތައް ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ.