މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކުން ތ. ތިމަރަފުށި، ތ. ކިނބިދޫ އަދި އއ. ބޮޑުފޮޅުދޫން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

ރެހެންދި ފުޓްސަލް ގްރައުންޑް ދޭއްގައި ރޭ ކުޅުނު ދެވަނަ މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ތ. ތިމަރަފުށީ ޓީމުން ވަނީ އެ އަތޮޅު މަޑިފުށި އަތުން 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

މި މެޗުގައި ތިމަރަފުށީ ޓީމުގެ އަލީ ޝިފާއު (ރޮނާ) އާއި އިބްރާހިމް ހަމްދާން ކުރެން ކޮންމެ ކުޅުންތެރިއަކު ހެޓްރިކް ހެދިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަސްވަދު (ގަބޭ)، އާދަމް ނާސިހު (އާދަންނާ) އާއި އިސްމާއިލް މުނީޒް އެވެ. މަޑިފުށީގެ ހަމައެކަނި ލަނޑުޖަހައިދިނީ އަފްޒަލް މުޙައްމަދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ ގަބޭ އެވެ.

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ތ. ކިނބިދޫގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން / އިމޭޖަސް.އެމްވީ

އެންމެ ފަހުގެ ތ. އަތޮޅު ޗެމްޕިއަން، ކިނބިދޫން ވަނީ 7-2 އިން ބުރުނި ބަލިކޮށްފައެވެ. މި މެޗުގައި ކިނބިދޫގެ މުޙައްމަދު ޝަހާއު ހެޓްރިކް ހެދިއިރު، މުޙައްމަދު ޝާފިއު ދެ ލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަބްދުﷲ ސަމީހު އާއި އަބްދުﷲ ޔާމީން އެވެ. ބުރުނީގެ ދެ ލަނޑުވެސް ޖަހައިދިނީ މުޙައްމަދު ނާހިލް ނޫހް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ކިނބިދޫގެ ޝަހާއު އެވެ.

ނ. އަތޮޅު ބުރުގައި ރޭ ކެނދިކުޅުދޫން ވަނީ 4-1 އިން ވެލިދޫ ބަލިކޮށްފައެވެ. ހޮޅުދޫއާ މިލަދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އއ. ތޮއްޑޫއާ އއ. ބޮޑުފޮޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން / އިމޭޖަސް.އެމްވީ

އެންމެ ފަހުގެ އއ. އަތޮޅުގެ ޗެމްޕިއަން، ބޮޑުފޮޅުދޫން ވަނީ 7-1 އިން ތޮއްޑޫ ބަލިކޮށްފައެވެ. ފެރިދޫ އަތުން މަތިވެރި މޮޅުވީ 1-3 އިންނެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ށ. އަތޮޅާއި، ލ. އަތޮޅުގެ އިތުރުން އދ. އަތޮޅު އަދި ގދ. އަތޮޅުގެ މެޗުތަކެވެ.