މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކުން ލ. ގަން، ށ. ކަނޑިތީމުން ބޮޑު މޮޅެއް ހޯދިއިރު، ގދ. ވާދޫން ފެށީ މޮޅަކާއެކު އެވެ.

ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި ރޭ ކުޅުނު ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަމުން ވަނީ އެ އަތޮޅު ކަލައިދޫ އަތުން 8-1 އިން މޮޅުވެފައެވެ.

މި މެޗުގައި ގަމުން ޖެހި އަށް ލަނޑުގެ ތެރެއިން އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި ހަސަން ނާޝިދު (ނާއްޓޯ) ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ޒައިދާން އަބްދުﷲ، މުޙައްމަދު އަކުމަލް، އަލީ ޝާމިސް (ތޮއްޕޭ) އާއި ރައްޒާން އަބްދުއްސަމަދު އެވެ. ކަލައިދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ އިބްރާހިމް ނާއިލް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަމުގެ ތޮއްޕޭ އެވެ.

ލ. އިސްދޫން 5-1 ގެ ނަތީޖާއަކުން އެ އަތޮޅު މާމެންދޫ ބަލިކުރިއިރު، ލ. ދަނބިދޫ އަތުން މާވަށް މޮޅުވީ 4-3 އިންނެވެ. ލ. ހިތަދޫއާ ލ. މުންޑޫ ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ށ. ފޯކައިދޫއާ ދެކޮޅަށް ށ. ކަނޑިތީމު ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން / އިމޭޖަސް.އެމްވީ

ށ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ކަނޑިތީމުން ވަނީ ފޯކައިދޫ އަތުން 11-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ކަނޑިތީމުގެ އިބްރާހިމް ނަދާދު (ކުޑައްޓޭ) ހަ ލަނޑުޖެހިއިރު، އަހުމަދު ޒަމީމް ހެޓްރިކެއް ހެދިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ރައުލް ނިޔާޒް އާއި މުޙައްމަދު ޝާން އެވެ. ފޯކައިދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ އިބްރާހިމް މުސީރު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކަނޑިތީމުގެ ނަދާދު އެވެ.

ށ. އަތޮޅު ބުރުގައި އިއްޔެ ހަވީރު ކުޅުނު އަނެއް މެޗުގައި ޅައިމަގުން ވަނީ 3-0 އިން ފީވަކު އަތުން މޮޅުވެފައެވެ.

އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް، ގދ. ވާދޫން ވަނީ 1-0 އިން އެ އަތޮޅު ތިނަދޫ ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑުޖަހައިދިނީ ވާދޫގެ ކެޕްޓަން، އަޔާޒް އަހުމަދު (އަޔާ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އަޔާ އެވެ.

ގދ. އަތޮޅުގެ އަނެއް މެޗުގައި ހޯޑެއްދޫން ވަނީ 2-1 އިން ގައްދޫ އަތުން މޮޅުވެފައެވެ.

ރޭގެ މެޗުގައި ގދ. ވާދޫގެ ކެޕްޓަން، އަޔާޒް އަހުމަދު (ވ) ބޯޅަ ފޮނުވާލަން މަސައްކަތްކުރަނީ. --ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން / އިމޭޖަސް.އެމްވީ

 

ރޭ ކުޅުނު އދ. އަތޮޅުގެ މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، މަހިބަދޫން ވަނީ 2-0 އިން މަންދޫ ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ މިދުހަތު ފަހުމީ އާއި އާދަމް ފަހުމާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަހިބަދޫގެ މިދުހަތެވެ.

އދ. މާމިގިލިން ވަނީ 4-0 އިން އެ އަތޮޅު ފެންފުށި އަތުން މޮޅުވެފައެވެ. މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ހިސާމް ސަލީމް، އަހުމަދު ނިޒާމް، ސަމާއު މުފީދު އާއި ޒަޔާން ނަސީރު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާމިގިލީގެ ކެޕްޓަން، އިބްރާހިމް މައިސާން (މައި) އެވެ.

އދ. އަތޮޅު ބުރުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އޮމަދޫން ވަނީ 2-0 އިން ހަންޏާމީދޫ ބަލިކޮށްފައެވެ. ކުނބުރުދޫ އަތުން ދަނގެތީ މޮޅުވީ 4-1 އިންނެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ހއ. އަތޮޅާއި، ރ. އަތޮޅުގެ ފ. އަތޮޅުގެ އިތުރުން ދ. އަތޮޅު އަދި ސ. އަތޮޅުގެ މެޗުތަކެވެ. މިއަދުގެ މެޗުތައް ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.