ޗެންޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ނަޕޯލީ އާއި ސްޕެއިންގެ ބާސެލޯނާ ބައްދަލު ކުރި މެޗު ބާސާއިން ކާމިޔާބުކޮށް ކުއާޓާގެ ޖާގަ ކަށަވަރު ކޮށްފިއެވެ. ރޭ ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާ އަކުންނެވެ. ފުރަތަމަ ލެގު މިދިޔަ ފެބްރުއަރީ މަހު ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅެ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެފައި ވުމުން ބާސާ ކުއާޓާ އަށް ދަތުރު ކުރީ އެގްރިގޭޓް 4-2 ގެ ނަތީޖާ އަކުންނެވެ.

ރޭ ކުޅުނު މެޗުގެ ހުރިހާ ލަނޑެއްވެސް ފުރަތަމަ ހާފް ގައި ފެނިގެން ދިޔަ އިރު މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓްގައި ކާމިޔާބުކޮށް ބާސާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ރަކިޓިޗް ނަގައިިދިން ހުރަހެއްގައި ޑިފެންޑާ ލިންގްލެޓް ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ ދެވަނަ ލަނޑަކީ މެސީ އޭރިއާ ތެރޭގައި ދެއްކި ތަފާތު މޮޅު ކުޅުމަކަށް ފަހު ކާމިޔާބު ކުރި ލަނޑެކެވެ.

މެޗުގެ 30 ވަނަ މިނެޓްގައި މެސީ ކާމިޔާބު ކުރި ލަނޑެއް އަތުގައި ޖެހުނު ކަމަށް ބަލައި ވީއޭއާރު އިން ވަނީ އެ ލަނޑު ބާތިލް ކޮށްފައެވެ. ބާސާއިން ކާމިޔާބު ކުރި ތިން ވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި ސުއަރޭޒް ކާމިޔާބު ކޮށްދިން ލަނޑެކެވެ. މި ލަނޑާއިއެކު ބާސާއިން ވަނީ 3-0 ގެ ނަތީޖާ އަކުން ލީޑު ފުޅާކޮށްފައެވެ.

ނަމަވެސް އޭގެ މާ ގިނަ އިރުތަކެއް ނުވެ ފުރަތަމަ ހާފް ނިމެން ވަނިކޮށް ބާސާގެ އޭރިއާ ތެރޭން ރަކިޓިޗް ކުރި ފައުލަކާ ގުޅިގެން ނަޕޯލީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ލިބުނު ޕެނަލްޓީގައި ލޮރެންޒޯ އިންސިގޭ ވަނީ ނަޕީލޯގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްފައެވެ.

މި މެޗުން މޮޅުވެ ބާސާ ކުއާޓާއަށް ދަތުރު ކުރުމާއި އެކު އެ ޓީމު ކުއާޓާގައި ބައްދަލު ކުރަން ޖެހޭނީ ރޭ ޗެލްސީ ބަލިކޮށް ކުއާޓާގެ ޖާގަ ހޯދި ޖަރުމަނުގެ ބަޔާން މިއުނިކާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މެސީގެ ދެވަނަ ގޯލް އަކީ ހިއްގައިމުގޯލްއެއް! އަތްލިކަމަށް ނިންމައި ގޯލް އަކަށް ނުހެދިޔަސް!

    17
    1
  2. ޕިސް ޕިސް..

    އަބަދުވެސް މެސީ އާއި ސުއަރެޒް... ޕިސް ޕިސް..

    4
    4
  3. ކޮބާކަލޭ

    މެސީއަކީ މިހާތަނައް ދުނިޔޭގެ އުފެދުނު އެންމެހުނަރުވެރި އެންމެ މޮޅު ކުޅުންތެރިޔާ ތަފާތު ކުޅުންތެރިއެއް!!!

    28