ބްރެޒިލްގެ ތަރި ފިލިޕް ކުޓީނިއޯ އެނބުރި ބާސެލޯނާއާ ގުޅޭނޭ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. ލޯނުގެ އުސޫލުން މި އަަހަރު ބަޔާންއަށް ކުޓީނިއޯ ދޫކޮށްފައި ވާއިރު އެ އެއްބަސްވުން މިހާރު ވަނީ ހަމަވެފައެވެ.

ބާސާގެ ކޯޗު ކަމާއި ރޮނާލްޑް ކޫމަން ހަވާލުވެ އެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައި ވާއިރު އޭނާގެ ކޯޗުކަމުގެ ޕްލޭންގައި ކުޓީނިއޯ ހިމެނެއެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓުތަކުން ހާމަކުރި ގޮތުގައި ކޫމަން ވަނީ ކުޓީނިއޯ އާއި ވާހަކަ ދައްކައި ދެން ފަށާ ފަރިތަކުރުން ތަކުގައި ބައިވެރިވާން ނިންމައިފައެވެ.

ރިޕޯޓުތައް ބުނެފައިވަނީ އަންނަ ސީޒަންގައި ކުޓީނިއޯއަށް ބާސާގެ ފުރަތަމަ އެގާރައިން ޖާގަ ލިބި ޓީމުގައި މުހިއްމު ދައުރެއް އަދާކުރަން ޖެހޭނޭ ކަމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ވާހަކަ ދައްކަމުން ކުޓީނިއޯ އެންމެ ފަހުން ބުނީ އަންނަ ސީޒަނުގައި ކުޅޭނެ ޓީމެއް އޭނާއަށް އަދި ނޭނގޭ ކަމަށާއި، އެނގޭހާ ވެސް ކަމަކީ ބަޔާންގެ ޖާޒީގައި އަންނަ ސީޒަނުގައި ނުފެންނާނެ ކަމަށެވެ. މީގެ ކުރިން ބާސާއިން ކުޓީނިއޯ ވިއްކާލާނެ ކަމަށް އަޑު ފެތުރިފައި ވާއިރު 110 މިލިއަން ޕައުންޑަށް ކުޓީނިއޯ ގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން ބަޔާނުން ހިފާފައެއް ނުވެއެވެ.

އުމުރުން 28 އަހަރުގެ ކުޓީނިއޯ ބާސާ އާ އެކު ހަދާފައިވާ އެއްބަސްވުން 2023 އަށް ހަމަވާއިރު އޭނާ ބަޔާން އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުން ފަސް މިލިއަން ޕައުންޑް ލިވަޕޫލް އަށް ދައްކަން ޖެހޭނޭ ކަމަށް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. މީގެ ދެ އަހަރު ކުރިން ލިވަޕޫލް ދޫކޮށް 142 މިލިއަން ޕައުންޑަށް ކުޓީނިއޯ ބާސާއަށް ބަދަލުވި އިރު ބާސާގައި އޭނާއަށް މާ ރަގަޅު ކުޅުމެއް ދެއްކިފައި ނުވެއެވެ.

ނަމަވެސް ނިމިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ބަޔާނަށް ބަދަލުވެ ކުޓީނިއޯ ވަނީ ބަޔާނާއެކު ތިން ތަށި ކާމިޔާބުކޮށްފައެވެ.