މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފުރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ އެއްބަސްވުން އާކުރަން އެ ޓީމުން ނިންމައިފި އެވެ.

މި ސީޒަނުގެ ނިޔަލަށް ޕޮގްބާ މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު ޔުނައިޓެޑުން ނިންމީ އަދި އިތުރު އެއް އަހަރަށް އޭނާގެ އެއްބަސްވުން އާކުރުމަށެވެ. ޕޮގްބާ ޔުނައިޓެޑާއި ގުޅުނު އެއްބަސްވުމުގައި ވާގޮތުން އެޓީމުން ބޭނުންނަމަ އިތުރު އެއްއަހަރަށް އެއްބަސްވުން އާކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ޔުނައިޓެޑުން ޕޮގްބާގެ އެއްބަސްވުން އާކުރަން ނިންމީ ދާދިފަހުން އޭނާ ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ގުޅުމަކީ ހުވަފެނެއް ކަމުގައި ބުނެފައި ވަނިކޮށެވެ. ނަމަވެސް ބައެއް މީޑިއާތަކުން ހާމަކުރި ގޮތުގައި ޔުނައިޓެޑުން ވަނީ އޭނާގެ އެއްބަސްވުން އާކުރަން މާކުރިންވެސް ނިންމާފައި ކަމުގައެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ޕޮގްބާ އެ ޓީމުގައި ބަހައްޓަން ވަރަށް ބޭނުންވާ ކަމަށް ތަކުރާރުކޮށް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. އަދި އޭނާގެ ޕްލޭނުގައި ޕޮގްބާ އަށް މުހިއްމު ރޯލެއް އަދާކުރެވޭނެ ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ. 2016 ވަނަ އަހަރު ޔުނައިޓެޑާއި ޕޮގްބާ ގުޅުނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ދޫކޮށް ރެކޯޑު އަދަދަކަށެވެ. އިޓަލީގެ މީޑިއާތަކުން ރިޕޯޓު ކުރިގޮތުގައި ޔުވެންޓަސްގެ ކޯޗުކަމާއި ޕިރްލޯ ހަވާލުވެ ދަނީ ޕޮގްބާއަށް ފާރަލަމުންނެވެ. ޕިރްލޯ އާއިއެކު މީގެކުރިން ޔުވެންޓަސްގައި މޮޅު ކުޅުމެއްދެއްކި ޕޮގްބާ ވަނީ އެ ޓީމަށް ގިނަމެޗުތަކެއް ކުޅެދީފައެވެ.

ޔުނައިޓެޑަށް ޕޮގްބާ މިހާތަނަށް 111 މެޗު ކުޅެދީފައި ވާއިރު އޭނާ ވަނީ އެ ޓީމަށް 25 ލަނޑު ކާމިޔާބުކޮށް ދީފައެވެ.