މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

27 އަހަރުގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އަންނަ މަހު ފަށާ ނޭޝަން ލީގްގައި އޭނާއަށް ކުޅެވޭނެ ގޮތެއް ނުވާނެއެވެ. އެހެންކަމުން ނޭޝަން ލީގްގައި ކުޅޭ ފްރާންސްގެ ސްކޮޑަށް ވެސް އޭނާ ނުނަގައެވެ.

ފްރާންސްގެ ހެޑް ކޯޗް ވިދާޅުވި ޕޮގްބާ ކޮވިޑަށް ފައްސިވެފައިވާތީ ނޭޝަންސް ލީގްގައި ކުޅޭ ފްރާންސްގެ ސްކޮޑްގައި ހިމެނެން ނެތް ކަމަށެވެ. ޕޮގްބާގެ ބަދަލުގައި ފްރާންސްގެ ސްކޮޑުން ޖާގަ ދިނީ އުމުރުން 17 އަހަރުގެ ޒުވާން ކުޅުންވެރިޔާ އެޑުއާޑޯ ކަމަވިންގާއަށް ކަމަށް ކޯޗު އިއުލާން ކުރެއްވިއެވެ.

"އަހަރެންނަށް ޖެހުނީ އެންމެ ފަހު މިނެޓްގައި ސްކޮޑް ލިސްޓަށް ބަދަލެއް ގެންނަން، އެއީ ޕޮގްބާ ކޮވިޑްއަށް ފައްސިވެފައިވާ ކަން ޓީމްގެ މެނޭޖްމަންޓްއަށް އޭނާ އެންގެމުން، އޭނާގެ ސާމްޕަލް ނަގައި ޓެސްޓް ކުރީ އިއްޔެ، އެހެންވެ އޭނާގެ ބަދަލުގައި އެޑުއާޑޯ ކަމަވިންގާއަށް ފުރުސަތު ދޭން ނިންމީ" ކޯޗް ވިދާޅުވިއެވެ.

ޕޮގްބާ ކޮވިޑަށް ފައްސިވެފައިވާ ކަން އޭނާގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ނެރުނު ސްޓޭޓްމަންޓްއެއްގައި ވެސް ވެއެވެ. އެހެންކަމުން އޭނާގެ ގައުމީ ޓީމަށް އަންނަ މަހު ކުޅުމަށް ފޮނުވައިދެވެން ނެތް ކަމަށް ޔުުނައިޓެޑްގެ ސްޓޭޓްމަންޓްގައި ލިޔެފައިވެއެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިއްމު ދައުރެއް ކުޅެދޭ ޕޮގްބާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 69 މެޗު ކުޅެދީ، އެ މެޗުތަކުގައި 10 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޕޮގްބާއާ ނުލައި ފްރާންސްއިން އަންނަ މަހު ފަށާ ނޭޝަންސް ލީގުގައި ވާދަކުރަން ޖެހޭއިރު، އެ ޓީމުގެ ފުރަތަމަ މެޗުގައި އަންނަ މަހު އަށް ދުވަހު ފަސްވަނަ ދުވަހު ނުކުންނާނީ ސޮލްނާއާާ ދެކޮޅަށެވެ. އަންނަ މަހުގެ އަށްވަނަ ދުވަހު އެންމެ ފަހުން ވޯލްޑް ކަޕްގެ ފައިނަލުގައި ވެސް ފްރާންސްއިން ވާދަކުރި ކްރޮއޭޝިއާއާ ދެކޮޅަށް ވެސް ނުކުންނަން ޖެހެއެވެ