ސްޕެނިޝް ލީގުގެ ތާވަލުގެ ސާދަ ވަނައިގައި އޮތް ކަޑިޒްއާ އެއްވަރުވެ އިތުރު ހާސް ކަމެއް ކުރިމަތިވެއްޖެއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިމެޗާއެކު ލަޔޮނަލް މެސީ ވަނީ ލީގުގައި އެންމެ ގިނަ މެޗު ކުޅެދީގެން ބާސާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ހަދާފައިވާ ރިކޯޑު އާކޮށްފައެވެ. މީގެއިތުރުން މެސީ ވަނީ މި މެޗާއެކު ޖުމްލަ 38 ކުލަބާއި ދެކޮޅަށް ކުޅުނު ކުޅުންތެރިއާގެ ޝަރަފް ހޯދާފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ބާސާއިންނެވެ. މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ. މިއީ ބާސާގެ ޕެޑްރީއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

ކަޑިޒް އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށެވެ.ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސް ފެނާންޑޭޒްއެވެ. މިއީ އޭރިއާ ތެރެއިން ކަޑިޒް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 23 މެޗުން ލިބުނު 47 ޕޮއިންޓާއެކުއެވެ. އެތުލެޓިކޯ އެއްވަނައިގައި އޮތީ 23 މެޗުން 55 ޕޮއިންޓާއެކުއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ދެވަނައިގައި 24 މެޗުން 52 ޕޮއިންޓާއެކުއެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެތްލެޓިކް ބިލްބާއޯ އާއި ވިޔަރެއާލް 1-1 އިން އެއްވަރުވިއިރު، ހުއެސްކާ އާއި ގްރަނާޑާ މެޗު ނިމުނީ 3-2 ހުއެސްކާ މެޗު ކާމިޔާބުކޮށްގެންނެވެ..