އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން ހޯދި މޮޅާއެކު ވެސްޓް ބްރޮމްވިޗް އިން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ނިމުމެއް ގެނެސްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވީ 5-2 ގެ ނަތީޖާއަކުންނެވެ. މިއީ ޗެލްސީގެ ކޯޗުކަމާއި މިއަހަރުގެ ޖެނުއަރީ މަހު ހަވާލުވި ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ ބަލިވި ފުރަތަމަ މެޗެވެ. ޗެލްސީން ވަނީ ޓުޗެލްއާއެކު ބަލިނުވެ 14 މެޗު ހަމަކޮށްފައެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗެވެ. މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން ޗެލްސީގެ ތިއާގޯ ސިލްވާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. އެއާއެކު މެޗުގެ ބޮޑުބައި އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ވެސްޓް ބްރޮމް ކޮޅަށް ނަތީޖާ އަނބުރާލާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑުންނެވެ. މި ދެ ލަނޑުވެސް އެ ޓީމަަށް ކާމިޔާބުކޮށްދިނީ މެތިއުސް ޕެރޭރާއެވެ. ވެސްޓް ބްރޮމް އަށް ލީޑު ފުޅާކޮށްދިން ލަނޑު ކަލުމް ރޮބިންސަން ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނެޓު ފަހުން އެމްބާއޭ ޑިއާގްނޭ ވަނީ ވެސްޓް ބްރޮމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި މެޗުން މޮޅުވިނަމަވެސް ވެސްޓް ބްރޮމް އޮތީ ތާވަލުގެ ފުލުން ދެވަނައިގައެވެ. އެ ޓީމު އޮތީ ކުޅުނު 30 މެޗުން ލިބުނު 21 ޕޮއިންޓާއެކު އެވެ. ޗެލްސީ އޮތތީ ތާވަލުގެ ހަަތަރުވަނައިގަަ އެވެ. އެއީ ކުޅުނު 30 މެޗުން ލިބުނު 51 ޕޮއިންޓާއެކު އެވެ.