އަނިޔާއިން އެއްކޮށް ރަނގަޅުނުވުމުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގެ ފުރަތަމަ ލެގުގައި އިނގިރޭސި ކުލަބް ލިވަޕޫލާއި ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުގެ ސްކޮޑުން ބެލްޖިއަމް ގައުމީ ޓީމުގެ ތަރި އެޑެން ހަޒާޑް ބާކީކޮށްފިއެވެ.

އަނިޔާގެ މައްސަލަ ބޮޑު ހަޒާޑް އެންމެފަހުން ރެއާލަށް މެޗެއް ކުޅެފައިވަނީ މިދިޔަ މަހުއެވެ. އެންމެފަހުން ކުޅުނު މެޗުގައިވެސް ހަޒާޑްއަށް އަނިޔާވުމާއި ގުލިގެން ވަނީ ދަނޑުން ބާލުވާފައެވެ. އެއާއެކު ރެއާލްގެ ކޯޗު އުއްމީދުކޮށްގެން ހުރީ މި މެޗަށް ހަޒާޑް ފިޓުވާނެ ކަމަށެވެ. އޭގެ ބަދަލުގައި މިފަހަރު ސްކޮޑަށް އިތުރުކުރި މިޑްފީލްޑަރަކީ ފެޑެރިކޯ ވަލްވާޑޭ އެވެ.

ޗެލްސީން 2019 ވަނަ އަހަރު ރެއާލްއަށް ބަދަލުވި އުމުރުން 30 އަހަރުގެ ފޯވާޑް މިހާތަނަށް އެ ކުލަބުގައި ރަނގަޅު ކުޅުމެއް ނުދެއްކެއެވެ. އޭގެ ބަދަލުގައި ގިނަފަހަރަށް ހަޒާޑު ހުންނަން ޖެހެނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ.

"ހަޒާޑް އެބަ ޖެހޭ ހަމަޖެހިގެން ކުޅެން، އެއްވެސް ކުޅުންތެރިއަކު ތައްޔާރު ނޫން ނަމަ އެ ކުޅުންތެރިއަކު ރިސްކުގެ ތެރެއަށް ނުލާނަން" މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެއާލްގެ ކޯޗު ޒިދާން ބުންޏެވެ.

ރެއާލަށް ބަދަލުވިފަހުން ހަޒާޑް ވަނީ ކުޑަހުޅުގެ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެ އޮޕަރޭޝަނެއް ކޮށްފައެވެ. އޭގެފަހުން އެންމެ ގިނައިން ދެން ކުރިމަތިވީ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާތަކެވެ. މިގޮތަށް މިހާތަނަށް ހަ ފަހަރެއްގެ މަތިން ހަޒާާޑަށް އަނިޔާވެފައިވެއެވެ.

ޗެލްސީ ދޫކޮށް ހަޒާޑް ރެއާލަށް ސޮއިކުރީ 100 މިލިއަން ޔޫރޯ އަށެވެ. މިހާތަނަށް އޭނާ އެ ކުލަބަށް ކުޅެދިން މެޗުތަކުން ޖެހިފައިވަނީ އެންމެ ހަތަރު ލަނޑެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ރެއާާލް މެޑްރިޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 00:00 ގައެވެ.