ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ފްރާންސްގެ ޕީއެސްޖީ ދަތުރުުކޮށްފިއެވެ.

މުބާރާތުގެ ކުއާޓާފައިނަލުގެ ދެވަނަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ވަނީ ޕީއެސްޖީ 1-0 އިން ބަލިކޮށްފައެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު ޕީއެސްޖީ ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާތަކާއެކު ދެ ލެގުގެ އެގްރިގޭޓް ނަތީޖާއަކީ 3-3 އެވެ. ޕީއެސްޖީ ސެމީއަށް ހޮވުނީ ފުރަތަމަ ލެގުގައި ކާމިިޔާބުކުރި ފައިދާ ލަނޑުތަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ. ހާއްސަކޮށް ކުރީކޮޅު ޕީއެސްޖީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ފުރަތަމަ ހާފުގައި ޕީއެސްޖީން އެންމެ ހުސް ފުރުސަތެއް ލިބުނީ ނޭމާ އަށެވެ. އެމްބާޕޭ ދިން ބޯޅައަކުން ގޯލާއި އަމާޒުކޮށް ނޭމާ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

މެޗުގައި ބަޔާން މިއުނިކް ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޗުޕޯ މޯޓިން އެވެ. ބަޔާން އިން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ޕީއެސްޖީގެ ކީޕަރު ނަވާސް ވަނީ އެ ބޯޅަތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެންމެފަހުގެ ޗެމްޕިއަން ބަލިކޮށް ޕީއެސްޖީން ސެމީން ޖާގަ ހޯދިއިރު މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ބައްދަލުކުރީ މި ދެ ޓީމެވެ. އެ މެޗު ބަޔާން މިއުނިކް ކާމިޔާބުކުރީ 1-0 އިންނެވެ. އެހެންކަމުން މިއީ ބަދަލު ހިފުމެއްގެ ގޮތުގައި ގިނަބަޔަކު ދެކެއެވެ.

މުބާރާތުގެ ސެމީފައިނަލުގައި ޕީއެސްޖީ ބައްދަލުކުރަން ޖެހޭނީ މިރޭ މެންޗެސްޓަރ ސިޓީ އާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގު 2-1 އިން ކާމިޔާބުކުރީ ސިޓީއެވެ.