ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން އެތްލެޓިކޯ މެޑްރިޑް ހޯދައިފިއެވެ.

އެތްލެޓިކޯ މެޑްރިޑަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ މިރޭ ރެއާލް ވަޔަޑޮލިޑް އާއި ދެކޮޅަށް ކުޅުނު މެޗު، 1-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

މި ނަތީޖާއާއެކު އެތްލެޓިކޯ މެޑްރިޑް ލީގު ކާމިޔާބުކޮށްފައިވަނީ ކުޅުނު 38 މެޗުން 86 ޕޮއިންޓާއެކުގައެވެ. ތާވަލުގެ ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ 38 މެޗުން 84 ޕޮއިންޓެވެ. ތިންވަނައިގައި ބާސެލޯނާއި އޮތީ 79 ޕޮއިންޓާ އެކީގައެވެ.

އެތްލެޓިކޯ މެޑްރިޑް ލީގު ހޯދާފައިވަނީ 2 ޕޮއިންޓުގެ ލީޑެއްގައި އޮވެގެންނެވެ. ހޯސޭ ޒޮރިއްލާ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ގޯލެއް ކާމިޔާބުވެފައެއް ނުވެއެވެ. މިމެޗުގައި ރެއާލް ވަޔަޑޮލިޑް ވަނީ 18 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބު ކޮށްފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އޮސްކާ ޕުލެނޯއެވެ.

ދެވަނަ ހާފުގައި އެތުލެޓިކޯ މެޑްރިޑް އެއްވަރު ކޮށްފައިވަނީ މެޗުގެ 57 ވަނަ މިނެޓްގައި ކޮރިއާއި ޖަހާދިން ގޯލުންނެވެ. މެޗުގެ 67 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒްވަނީ ގޯލް ޖަހައި ޓީމަށް ލީޑު ހޯދާދީފައެވެ.

އެތުލެޓިކޯ މެޑްރިޑް އެންމެ ފަހުން ސުޕެއިންގެ ޗެންޕިއަން ކަން ނަގާފައިވަނީ 2014 ވަނަ އަހަރުގައެވެ. ޖުމްލަ 11 ފަހަރު މަތިން އެތުލެޓިކޯ މެޑްރިޑް ވަނީ ސްޕެއިންގެ ޗެންޕޮއަންސްކަން ދައްކާފައެވެ.

ބާސެލޯނާއިން ދޫކޮށްލި ލުއިސް ސުއަރޭޒް ވަނީ އެތްލެޓިކޯ މެޑްރިޑަށް މޮޅު ކުޅުމެއް ދައްކައި މިހާތަނަށް 21 ގޯލް ކާމިޔާބު ކޮށްފައެވެ.

މިރޭ ރެއާލް މެޑްރިޑް ވަނީ ވިޔަރެއާލް އާއި ކުޅެ 1-2 ގެ ނަތީޖާއިން މޮޅުވެފައެވެ. މި ނަތީޖާ އާއި އެކު ރެއާލް މެޑުރިޑަށް ވަނީ ލީގު ގެއްލިފައެވެ.

ލީގުގެ ތިންވަނައިގައި އޮތް ބާސެލޯނާ ވަނީ އެއިބަރ އާއި ދެކޮޅަށް މިރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން މޮޅުވެފައެވެ. ނަމަވެސް އެ ޓީމަށް ވަނީ ލީގު ހޯދުމުގެ ބާރު ގެއްލިފައެވެ.