ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ސެވިއްޔާ އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ސެވިއްޔާ އިން ތާވަލުގެ ތިންވަނައިގައި އޮތް ބެޓިސް ބަލިކުރީ 2-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ދެ ގޯލް ޖަހައި ލީޑު ނެގީ ސެވިއްޔާ އިންނެވެ. އެ ޓީމުން ޖެހި ފުރަތަމަ ގޯލް ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ އީވާން ރަކިޓިޗްއެވެ. ރަކިޓިޗް މި ގޯލް ޖެހީ ފޯވަޑް ޔޫސުފް އެން ނަސީރީ އަށް ބެޓިސްގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރި ވެފައި ވަނިކޮށް ސެވިއްޔާގެ ދެވަނަ ގޯލް ޖެހީ މުނީރް އަލް ހެޑާޑީއެވެ. ބެޓިސްގެ ޑިފެންޑަރު މާކް ބާޓްރާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އިދިކޮޅު އޭރިއާ ތެރެއަށް ވަދެ މުނީރު ވައަތު ފައިން ތިރިތިރިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ބްރާވޯ އަތުގަ ޖެހިފައެވެ. މި ނަތީޖާގައި އޮވެ މެޗު ނިމެމުން ދަނިކޮށް ބެޓިސް އަށް ފަރަގު ކުޑަކޮށްދިނީ އިތުރު ވަގުތުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން އިދިކޮޅު ގޯލު ފޫއަޅުވާލި ސާޖިއޯ ކަނަލެސްއެވެ.

ބެޓިސް އަތުން ހޯދި މޮޅާއެކު ސެވިއްޔާ ވަނީ 26 މެޗުން 54 ޕޮއިންޓް ހަމަކޮށްފައެވެ. ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ 26 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. 46 ޕޮއިންޓާއެކު ތިންވަނައިގައި ބެޓިސް އޮތްއިރު 45 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ ބާސެލޯނާއެވެ.

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ އެތްލެޓިކޯ މެޑްރިޑުން ވަނީ 2-0 އިން ސެލްޓަ ވީގޯ ބަލިކޮށްފައެވެ. މި މެޗުގައި އެތްލެޓިކޯ އިން ޖެހި ދެ ގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރެނަން ލޮޑީއެވެ. އެތްލެޓިކޯ އޮތީ ބާސާގެ ފަހަތުން 45 ޕޮއިންޓާއެކު ލީގުގެ ފަސްވަނަ މަގާމުގައެވެ. އަނެއްކޮޅުން ސެލްޓަ ވީގޯ އޮޓީ 32 ޕޮއިންޓާއެކު ތާވަލުގެ ދިހަ ވަނަ މަގާމުގައެވެ.