އިނގިރޭސި ލީގުގައި ވާދަކުރަމުން އަންނަ ލީޑްސް ޔުނައިޓެޑުގެ ކޯޗަކަށް ޖެސީ މާޝް ހަމަޖައްސައިފިއެވެ.

ލީޑްސްގެ ކޯޗަކަށް މާޝް ހަމަޖައްސާފައިވަނީ ކުރިން އެ މަގާމުގައި ހުރި އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާ ވަކިކުރުމަށްފަހުއެވެ.

ލީގުގައި އެންމެ ފަހުން ލީޑްސް ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން ބަލިވީ 4-0 އިންނެވެ. މިއީ ލީގުގައި އެ ޓީމް ޖެހިޖެހިގެން ބަލިވި ހަތަރު ވަނަ މެޗެވެ. މި ހަތަރު މެޗުގައި ލީޑްސްގެ ކޮޅަށް ވަނީ 17 ގޯލް ވަދެފައެވެ.

ލީޑްސްގެ އާ ކޯޗް ޖެސީ މާޝްއާ އެކު އެ ކްލަބުން ކޮންޓްރެކްޓް ހަދާފައިވަނީ 2025ގެ ނިޔަލަށެވެ.

މާޝް އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ ޖަރުމަނުގެ އާރުބީ ލެއިޕްޒިގަށެވެ. އޭގެ ކުރިން އާރުބީ ސާލްޒްބާގުގެ އިތުރުން އޭނާ ވަނީ އެމެރިކާގެ ނިއުޔޯކް ރެޑްބުލްސް އަށް ވެސް ކޯޗުކަން ކޮށްދީފައެވެ.

މާޝްއާ ބެހޭގޮތުން ވާހަކަ ދައްކަމުން ލީޑްސްގެ ޗީފް އެގްޒެކެޓިވް އެންގަސް ކިނިއާ ބުނީ މާޝް އަކީ ލީޑްސްގެ ފުޓްބޯޅައާ ގުޅޭ ކޯޗެއް ކަމަށާއި ކްލަބު ރަނގަޅު މިސްރާބަކަށް ގެންދިއުމުގެ ހިތްވަރާއި އަޒުމް އޭނާގެ ކިބައިގަ އެބަހުރި ކަމަށެވެ.

ރެލިގޭޝަނާ ހަނގުރާމަ ކުރަމުންދާ ލީޑްސް މިވަގުތު އޮތީ 26 މެޗުން ހޯދި 23 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.