ފްރެންޗް ލީގުގައި އެންޖާސް 0-3 ގެ ނަތީޖާއަކުން ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން 15 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އެންޖާސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޕީއެސްޖީންނެވެ. އެގޮތުން އެޓީމުން ވަނީ އެންޖާސްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތައް އުފައްދާފައެވެ.

މެޗުގައި ޕީއެސްޖީން ލީޑު ނެގީ 28 ވަނަ މިނެޓުގައެވެ. މި ލަނޑު ހަކީމީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ކީލިއަން އެމްބާޕޭއެވެ. މި ލަނޑަށްފަހުވެސް ލީޑު ފުޅާކުރަން އެމްބާޕޭއަށް ވަނީ ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެންހަލް ޑިމަރިއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސާޖިއޯ ރާމޮސްއެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމިފައިވަނީ 0-2 ގެ ނަތީޖާއިން އެންޖާސްގެ މައްޗަށް ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އެންޖާސް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ޕީއެސްޖީގެ ހާފަށް ބާރުބޮޑުކުރި ނަމަވެސް، އެޓީމަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން މާ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ޕީއެސްޖީން މެޗުގެ ލީޑު އިތުރަށް ފުޅާކުރީ 77 ވަނަ މިނެޓުގައެވެ. މި ލަނޑު ޑިމަރިއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މާކީނޮސްއެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ ކުޅުނު 33 މެޗުން ލިބުނު 77 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. އެޓީމުގެ ފަހަތުން ދެވަނައިގައި އޮތް މާސޭއަށް 33 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީ ވަނީ ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލާފައެވެ.