އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އެއަރޭސްގައި ކުރިއަށް ދިޔަ ވޯލްޑްކަޕްގެ އުފާ ފާޅުކުރުންތަކުގެ ތެރެއިން އާޖެންޓީނާގެ ޓީމު ދަތުރުކުރަމުން ދިޔަ ބަސް ދޫކޮށް، ހެލިކަޕްޓަރުތަކުގައި ދަތުރުކޮށްފިއެވެ.

ކުރިއްސުރެ ރާވާފައި އޮތް މި 8 ގަޑިއިރުގެ ޕެރޭޑްގައި އާޖެންޓީނާގެ ޓީމު ފުރަތަމަ ދަތުރުކުރަމުން ދިޔައީ އޯޕެން ޓޮޕް ބަހެއްގައެވެ. ނަމަވެސް މަގުތައް މައްޗަށް އެއްވެފައިވާ މީހުންގެ ގިނަކަމުންނާއި، މީހުންގެ އުފާވެރިކަން އިންތިހާއަށް ގޮސް ދަތުރުކުރަން އުނދަގޫވެގެން ދިއުމުން އެމީހުންނަށް ވަނީ ދެވަނަ ވިސްނުމަކަށް ދާން ޖެހިފައެވެ.

"މީހުންގެ އުފާވެރިކަން އިންތިހާއަށް ގޮސް އެއްގޮތަކަށްވެސް ތިރިން ދަތުރު ކުރެވޭކަށް ނެތް" އާޖެންޓީނާގެ ރައީސްގެ ތަރުޖަމާނު ގެބްރިއެލާ ސެރުޓީ ޓްވީޓް ކުރައްވާފައި ވެއެވެ.

ކުޅުންތެރިން ދަތުރު ކުރަމުންދިޔަ ބަސް ބްރިޖެއްގެ ދަށުން ދަތުރު ކުރަމުން ދިޔައިރު ބަހުގެ މައްޗަށް މީހުން ފުންމަން މަސައްކަތް ކުރަމުން ދިޔަ ތަނާއި، މީހަކު ވެއްޓޭ މަންޒަރުވެސް މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.

އާޖެންޓީނާގެ ޓީމު ފްރާންސް ބަލިކޮށް ވޯލްޑްކަޕް ކާމިޔާބު ކުރުމުން، އުފާ ފާޅުކުރުމަށްޓަކައި އާޖެންޓީނާގެ ސަރުކާރުވެސް އިއްޔެ ވަނީ ބަންދުކޮށްފައެވެ.

އެގައުމުގެ ނޫސްތަކުން އަންދާޒާކުރާ ގޮތުގައި ބުއެނޯސް އެއަރޭސް ގެ މަގުތައްމައްޗަށް އިއްޔެ 4 މިލިއަނެއްހާ މީހުން ވަނީ އެއްވެފައެވެ.

އޮބެލިސްކް ހުންނަ ޕްލާޒާއަށް އެތައް ހާސް ބަޔަކު އެއްވެފައި --- ފޮޓޯ: ގެޓީ އިމޭޖަސް

"މިއަދަކީ ތާރީހުގައިވެސް އާޖެންޓީނާގައި އެންމެ ބޮޑު ޕާޓީ ކުރިއަށް ދިޔަ ދުވަސް. އެތައް ގަޑިއިރުތަކެއް އެންމެން އެއްވެގެން އުޅުނު އިރުވެސް ފެންނަމުން ދިޔައީ ހަމަ އެކަނި އުފާވެރިކަމާއި ޓީމަށް އޮތް ޝުކުރު." ސެރޫޓީ ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ އަވަސް ވަގުތެއްގައި ޤަތަރުން އާޖެންޓީނާއަށް ގޮސް، ފުޓްބޯޅަ އެސޯސިއޭޝަންގެ ތަމްރީންހަދާ މަރުކަޒުން އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ޓީމު ބުއެނޯސް އެއަރޭސް ގެ މެދަށް ދިއުމަށްޓަކައި 20 މޭލުގެ ދަތުރެއް ވަނީ ފަށާފައެވެ. މި ދަތުރު ނިންމާލަން ހަމަ ޖެހިފައި އޮތީ އެސިޓީގައި ހުންނަ ހުދު ކުލައިގެ ޓަވަރެއްކަހަލަ އިމާރާތެއްކަމަށްވާ އޮބެލިސްކް އަށެވެ.

ނަމަވެސް އުފާ ފާޅުކުރުންތްތައް ހައްދުން ނެއްޓިގެން ގޮސް، ސަލާމަތީ ސަބަބުތަކަށްޓަކައި، ސަލާމަތީ ބާރުތަކުން ވަނީ ބަހަށް އެ ހިސާބަށް ދަތުރު ކުރުން މަނާކޮށްފައެވެ. އެއަށްފަހު މީހުން އުފާ ފަޅުކުރާ މަންޒަރު ޓީމަށް ބަލަން ޖެހުނީ މަތިން ހެލިކަޕްޓަރު ތަކުގައެވެ.

އާޖެންޓީނާގެ އެފްއޭ ގެ ރައީސް ވަނީ ކުޅުންތެރިންގެ ފަރާތުން ސަޕޯޓަރުންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދި ޓްވީޓްވެސް ކޮށްފައެވެ.

އާޖެންޓީނާގެ ނުލާއި ހުދުގެ ޖޯޒީގައި އެތައް ހާސް ބަޔަކު ދިޔައީ އޮބެލިސްކް ހުންނަ ޕްލާޒާގައި ޓީމަށް އިންތިޒާރު ކުރަމުންނެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި، 1986 ވަނަ އަހަރު އެގައުމަށް ތަށި ހޯދައިދިން ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ފޮޓޯތަކާއި ބެނާތައް ހިފައިގެން އެއް ބަޔަކު ތިބި އިރު އަނެއްބޔަކު ދިޔައީ މަގުތައްމަތީގައި ހުރި ހޮޅިދަނޑިތަކުގެ މައްޗަށްވެސް އަރަމުންނެވެ. ބަސް ދަތުރުކުރަމުންދިޔަ މަގުތައްމަތީގައި އެތައް ހާސް ބަޔަކު އެއްވެފައިވާއިރު، އަނެއްބަޔަކު ދިޔައީ ބަހުގެ ފަހަތުން ދުވަމުންނެވެ.

އާދީއްތަ ދުވަހު އޮތް ފައިނަލް މެޗުގައި ޕެނެލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް، 36 އަހަރަށް ފަހު އާޖެންޓީނާގެ ޓީމުން ތަށި އުފުލާލީއްސުރެ އާޖެންޓީނާގެ ރައްޔިތުން ދަނީ ހުއްޓާނުލާ އުފާ ފާޅުކުރަމުންނެވެ.