ނިމި ދިޔަ ޤަތަރު ވޯލްޑްކަޕްގައި ދެއްކި މޮޅު ކުޅުމަށްފަހު، އިއްޔެ ފީފާއިން އިއުލާނުކުރި 2022 ވަނަ އަހަރުގެ ފީފާގެ "ދަ ބެސްޓު އެވޯޑް" ގެ ނޮމިނޭޝަންސް ލިސްޓުން، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއި ފްރާންސް ހުނަރުވެރި ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ ޖާގަ ހޯދައިފިއެވެ.

2016 ވަނަ އަހަރު ދޭން ފެށި މި އެވޯޑް ކުރިންވެސް އެއް ފަހަރު ހޯދާފައިވާ މެސީ ވަނީ އޭނާގެ ކެޕްޓަން ކަމުގައި އާޖެންޓީނާ އަށް ވޯލްޑްކަޕް ކާމިޔާބުކޮށްދީ، ކެރިއަރުގެ މުހިންމު މޭލުގަލެއް ހުރަސް ކޮށްފައެވެ. މި ކާމިޔާބީއާއި އެކު މެސީއަށް އޭނާގެ 8 ވަނަ ބެލަންޑޯ އެވޯޑް ނުވަތަ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުމުގެ ފުރުސަތު ބޮޑުވެފައިވާ އިރު، ފީފާގެ ދަ ބެސްޓު އެވޯޑަށްވެސް އޭނާ އަކީ ފޭވަރިޓެކެވެ.

ހަމައެގޮތަށް މި އެވޯޑާއި އެންމެ ގާތްކުރާ އަނެއް ކުޅުންތެރިޔަކީ ވޯލްޑް ކަޕް ފައިނަލްގައި ހެޓްރިކް ހެދި ފްރާންސްގެ ކިލިއަން އެމްބާޕޭ އެވެ.

މި ލިސްޓުގައި ހިމެނޭ މެސީއާއި އެމްބާޕޭ ނިސްބަތްވާ ޕެރިސް ސެއިންޓް ޖާމެއިން ގެ އަނެއް ދެ ކުޅުންތެރިންނަކީ ނޭމާ އާއި އަޝްރަފް ހަކީމީ އެވެ.

ފީފާގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑަށް ނޯމިނޭޓްވި 14 ކުޅުންތެރިންގެ ތެރޭގައި، އެންމެ ފަހުން ދެ އަހަރުވެސް މި އެވޯޑް ހާސިލްކުރި ބާޗެލޯނާގެ ރޮބާޓް ލެވެންޑޯސްކީ އާއި، މެންޗެސްޓަރ ސިޓީގެ އާލިންގް ހާލެންޑާއި، ކެވިން ޑި ބްރޫން ގެ އިތުރުން ލިވަޕޫލްގެ މުހައްމަދު ސަލާހް ހިމެނެއެވެ. އަދި ވޯލްޑްކަޕްގައި މޮޅު ކުޅުމެއް ދެއްކި އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާ ޖޫލިއަން އަލްވަރޭޒް އާއި، 2022 ވަނަ އަހަރުގެ ބެލެންޑޯ ހާސިލްކުރި ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާވެސް މި އެވޯޑަށް ވާދަކުރެއެވެ.

އަދި ހަމަ އެއާއެކު ލޫކާ މޮޑްރިޗް، ވިނީޝަސް ޖޫނިއަރ. ސާޑިއޯ މާނޭ އަދި ޖޫޑް ބެލިންގްހަމްވެސް މި ލިސްޓުގައި ހިމެނެއެވެ.

ނަމަވެސް މިފަހަރުގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެއް ނުހިމެނެއެވެ.

މިދިޔަ އަހަރު މެންޗެސްޓަރ ސިޓީ އިން ދޫކޮށްލާ އަދި ވޯލްޑްކަޕުގެ މެޗުތަކުގައި ބެންޗުކޮށްފައި އިން ރޮނާލްޑޯ ވަނީ މި އެވޯޑް ފުރަތަމަ ދިން 2016 އަދި 2017 ވަނަ އަހަރުވެސް އެވޯޑް ހާސިލް ކޮށްފައެވެ. އަދި އޭގެ ފަހުން ޖެހިގެން އައި ތިން އަހަރުވެސް އޭނާ ވަނީ އެވޯޑްގެ ގަދަ ތިން ކުޅުންތެރިންގެ ތެރޭގެ ހިމެނިފައެވެ. މިއީ ފީފާ އިން ހޮވާފައިވާ އެކްޕާޓް ޕެނެލްއިން އޭނާ މި ލިސްޓަށް ނުހޮވާ ފުރަތަމަ ފަހަރެވެ.

އެންމެ މޮޅު ކޯޗުގެ މަގާމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންސެލޯޓީ، އާއި މެންޗެސްޓަރ ޔުނައިޓެޑް ގެ ކޯޗު ޕެޕް ގާޑިއޯލާ ވާދަކުރާއިރު، މި ލިސްޓުގައި އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އާއި، ފްރާންސް ގެ ކޯޗު ޑިޑިއަރ ޑިޝޭމްޕްސް ގެ އިތުރުން މޮރޮކޯގެ ކޯޗު ވަލީދު ރެގްރަގީވެސް ހިމެނެއެވެ.

އެންމެ މޮޅު ގޯލްކީޕަރަށް ލިވަޕޫލްގެ އެލިސަން އާއި ރެއާލް ގެ ކީޕަރު ކޯޓޮއިސްގެ އިތުރުން އެޝްޓަން ވިލާގެ މާޓިނޭޒް ވާދަކުރެއެވެ.

ކޮންމެ ކެޓެގަރީއަކުން ފައިނަލިސްޓު ތިން ކުޅުންތެރިން ފީފާ އިން އަންނަ ފެބުރުއަރީ މަހުގެ ކުރީކޮޅު އިއުލާން ކުރާނެއެވެ.