އާޖެންޓީނާ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ހޮވާ، 2022 ވަނަ އަހަރުގެ އެންމެ ކުޅުންތެރިއާގެ މަގާމު މިދިޔަ ހޯމަދުވަހު އޮތް ހަފްލާއެއްގައި ހޯދާފައެވެ. މިއީ 2016 ވަނަ އަހަރު ފީފާ އިން ދޭން ފެށި މި އެވޯޑް މެސީ ހޯދި ދެވަނަ ފަހަރެވެ. 2019 ވަނަ އަހަރު ވެސް މެސީއަށް ވަނީ މި އެވޯޑް ލިބިފައެވެ.

އުމުރުން 35 އަހަރުގެ މެސީ މި އެވޯޑް ކާމިޔާބު ކޮށްފައިވަނީ އޭނާ ކުޅޭ ޕެރިސް ސެއިންޓް ޖާމެއިން ގެ ކުޅުންތެރިޔާ، އަދި ވޯލްޑް ކަޕްގެ ފައިނަލްގެ އިދިކޮޅު ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ އާއި އަދި މިދިޔަ އަހަރުގެ ބެލެންޑިއޯގެ ވެރިޔާ، ކަރީމް ބެންޒެމާ އާއި ވާދަކޮށެވެ.

މި އެވޯޑްގެ ހައްގުވެރިޔާ ކަނޑައަޅަނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި، ކޯޗުންނާއި، ދުނިޔޭގެ އެކި ގައުމުތަކުގެ ނޫސްވެރިންނާއި، އަދި ފީފާ އޮފިޝަލް ވެބްސައިޓްގައި ތިބި ފޭނުންގެ ވޯޓަކުންނެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މެސީ އާއި އެކު އެތައް ފަހަރެއްގެ މަތިން ވާދަކޮށްފައިވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މިފަހަރުގެ އެވޯޑަށް ވޯޓް ލާފައެއް ނުވެއެވެ. ޕޯޗުގަލްގެ ފަރާތުން ވޯޓް ލާފައިވަނީ ޓީމުގެ ޑިފެންޑަރު ޕެޕޭއެވެ.

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ މި ވޯޓުގައި ބައިވެރިވެފައި ނުވަނީ، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ގިނަ މެޗުތަކެއްގައި އޭނާ ބެންޗުގައި ބައިންދާފައި އިނުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ރޮނާލްޑޯގެ ބަދަލުގައި އެ ވޯޓް ލީ، ރޮނާލްޑޯ ބެންޗުގައި އިން މެޗުތަކުގައި ޓީމުގެ ކެޕްޓަން ކަން ކުރި، ޓީމުގެ ސީނިއަރ ކުޅުންތެރިޔާ ޕެޕޭއެވެ.

ޕެޕޭ އެއް ވަނަ އަށް ވޯޓްލީ އެމްބާޕޭ އަށެވެ. އަދި ދެވަނަ އަށް ލޫކާ މޮޑްރިޗް އަށް ވޯޓް ލީ އިރު ތިން ވަނަ އަށް ލީ ކަރީމް ބެންޒެމާ އަށެވެ.

މެސީ ވަނީ އޭނާގެ ކެޕްޓަން ކަމުގައި އާޖެންޓީނާއަށް ނިމިދިޔަ ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފައެވެ.

މެސީ މި އެވޯޑަށް އެއްވަނަ އަށް ވޯޓް ދީފައިވަނީ ޕީއެސްޖީގެ ކުޅުންތެރިޔާ ނޭމާ އަށެވެ.

މެސީ ވަނީ ހޯމަ ދުވަހުގެ ހަފްލާގައި ފީފާގެ ދުނިޔޭގެ ގަދަ 11 ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ. ފާއިތުވި 14 އަހަރު ރޮނާލްޑޯވެސް ގަދަ 11 ގައި ހިމެނުނު ނަމަވެސް، މިފަހަރު ގަދަ 11 އިންވެސް ރޮނާލްޑޯ އަށް ޖާގަ އެއް ލިބިފައެއް ނުވެއެވެ.

ފީފާ ގެ އެންމެ މޮޅު ކުންތެރިޔާގެ މަގާމު ރޮނާލްޑޯ ވަނީ 2016 އަދި 2017 ވަނަ އަހަރު ހޯދާފައެވެ. އަދި އޭގެ ޖެހިގެން އައި ތިން އަހަރުވެސް ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ވަނީ ހިމެނިފައެވެ. ނަމަވެސް، މިފަހަރުގެ ނޯމިނޭޝަން ލިސްޓުގައިވެސް ރޮނާލްޑޯ ހިމެނިފައެއް ނުވެއެވެ.