ޕްރިމިއަރ ލީގު ފެށިއިރު، އެވަޓަންގައި ހުރި ފްރެންކް ލެމްޕާޑް އެނބުރި ޗެލްސީއަށް އައިސް، އެ ޓީމުން މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ.

ވުލްވްސް އާއި ދެކޮޅަށް ވުލްވްސް ދަނޑުގައި މިރޭ ކުޅުނު މެޗުން ޗެލްސީ ބަލިވެފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ. މިމެޗުން ބަލިވިއިރު، ޗެލްސީ އޮތީ 30 މެޗުން 39 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ. ލީގު މެޗަކުން ޗެލްސީ އެންމެފަހުން މޮޅުވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. ތާވަލުގައި ވޫލްވްސް އޮތީ 31 ޕޮއިންޓާއި އެކީ 12 ވަނައިގައެވެ.

މިމެޗުގައި ވޫލްސްއިން ޖެހި ހަމަ އެކަނި ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަންބަރު 27 އަށް ކުޅެމުން އަންނަ މަތެއުސް ނޫނޭޒްއެވެ. އޭނާ މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޗެލްސީގެ އޭރިއާތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ޗެލްސީއާއި ވޫލްވްސް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖެސް

ޗެލްސީން މި މެޗުގައި މޮޅު ކުޅުމެއް ކުޅުނު ނަމަވެސް، އެޓީމަށްވުރެ ގިނައިން ވޫލްވްސްއިން ވަނީ ހަމަލާތައް އުފައްދާފައެވެ. އެގޮތުން ޗެލްސީއަށް ވޫލްވްސްގެ ގޯލާއި އަމާޒުކޮށްގެން އެންމެ ހަމަލާއެއް އުފެއްދުނުއިރު، ވޫލްވްސްއިން ވަނީ ޗެލްސީގެ ގޯލާއި އަމާޒުކޮށް 4 ހަމަލާ ފޮނުވާފައެވެ.

ލެމްޕާޑުގެ ކޯޗު ކަމުގެ ދަށުން ޗެލްސީ ބަލިވިއިރު، އޭނާ އަކީ ޗެލްސީއަށް މީގެ ކުރިން ކުޅެފައިވާ އެޓީމަށް އެންމެ ގިނަ ގޯލު މިހާތަނަށް ކާމިޔާބު ކޮށްދިން ކުޅުންތެރިޔާއެވެ.

މީގެ ކުރިން އެވަޓަންގެ ކޯޗު ކަމުގައި ހުރެފައި އޭނާ ޗެލްސީގެ ކޯޗު ކަމާއި ހަވާލުވީ އެޓީމުގެ ކޯޗުގައި ކަމުގައި ކުރިން ހުރި، ގްރެހަމް ޕޮޓާ ވަކި ކުރުމާއި ގުޅިގެންނެވެ. މިފަހުން އޭނާ ޗެލްސީގެ ވަގުތީ ކޯޗު ކަމާއި ހަވާލުވިއިރު، މިއީ އޭނާ އެޓިމުގެ ކޯޗު ކަމާއި ހަވާލުވި ދެވަނަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ޗެލްސީއާއި ވޫލްވްސް ބައްދަލު ކުރި މެޗު ވޫލްވްސްއިން ކާމިޔާބު ކޮށްފައިވާއިރު، މިރޭ މެންޗެސްޓަރ ޔުނައިޓެޑާއި އެވަޓަން ބައްދަލު ކުރި މެޗު، ޔުނައިޓެޑުން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. އަދި އެސްޓަން ވިލާއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު، 2-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ ވަނީ ކާމިޔާޞު ކޮށްފައެވެ.