ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހައި ރިކޯޑް ހޯދާފައިވާ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅް ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ރިކޯޑާ، އިންޑިއާ ފުޓްބޯޅް ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އަރައި ހަމަ ކޮށްފިއެވެ.

ދަގަނޑޭއަކީ ސާފް ޗެމްޕިއަންޝިޕްގެ މުބާރާތްތަކުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް 23 ގޯލު ޖަހާފައެވެ. މި ރިކޯޑް އާއި ޗެތުރީ އަރައި ހަމަކޮށްފައިވަނީ މިހާރު ކުރިއަށްދާ މުބާރާތުގައި މިރޭ އިންޑިއާ އާއި ކުވެއިތު ބައްދަލު ކުރި މެޗުގައި ގޯލެއް ޖަހައިގެންނެވެ.

މި ގޯލު އޭނާ ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފު ނިމެނިކޮށް ކޯނަރަކުން ހުރަސްވި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

އެ ގޯލަކީ އޭނާ މި މުބާރާތުގައި ޖެހި ފަސް ވަނަ ގޯލެވެ. އަދި އެއީ ގައުމީ ޓީމަށް ޖަހައިދިން 92 ވަނަ ގޯލު ވެސް މެއެވެ.

މިމުބާރާތުގައި އޭނާ އެންމެ ފުރަތަމަ ގޯލެއް ޖަހާފައިވަނީ ޕާކިސްތާނާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެދުގައި ޖުމްލަ 3 ގޯލު އޭނާ ވަނީ ޖަހާފައެވެ. އަދި ދެވަނައަށް ނޭޕާލާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ވަނީ ގޯލެއް ޖަހާފައެވެ.

އިންޑިއާއާއި ކުވެއިތް މިރޭ ބައްދަލު ކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-1- ގެ ނަތީޖާއަކުން މެޗު އެއްވަރު ވެގެންނެވެ. މި މެޗު އެއްވަރުވުމުން މިވަގުތު އިންޑިއާ އޮތީ ގްރޫޕް އޭގެ ދެވަނައިގައެވެ. މި ގްރޫޕުގެ އެއްވަނައިގައި ނޭޕާލް އޮތީ 8 ގޯލު ޖަހައިގެންނެވެ. އިންޑިއާއަށް ޖެހިފައިވަނީ 7 ގޯލެވެ.