ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި މަޔޯކާއާ ވާދަކުރި މެޗުން 2-2 އިން އެއްވަރުވެ، ބާސެލޯނާ އަށް ތާވަލްގެ ކުރީގައި ލީޑު ނަގަން ލިބުނު ފުރުސަތު ނަގާލައިފިއެވެ.

ރޭގެ ނަތީޖާއާއެކު ބާސެލޯނާ އޮތީ ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޖިރޯނާ އަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ވިޔަރެއާލްއާ ރަށުން ބޭރުގައި އެ ޓީމު ކުޅޭ މެޗުން މޮޅުވެގެން އެއްވަނަ އަށް އެރޭނެ އެވެ. ތިންވަނައިގައި ރެއާލް މެޑްރިޑް އޮތީ ހަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ކުޅޭ މެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން ރެއާލަށް ވެސް އެއްވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މަޔޯކާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑްނެގީ އަށް ވަނަ މިނެޓުގައި ވެދާޓް މުރިކީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ބާސެލޯނާގެ ގޯލްކީޕަރު، މާކ-އަންދްރޭ ޓަ ސްޓެގަން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މަޔޯކާގެ އެންޓޯނިއޯ ސަންޗޭޒް ދިން ޕާހަކުން މުރިކީ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 41 ވަނަ މިނެޓުގައި ކުރީން ލީޑްސް ޔުނައިޓެޑަށް ކުޅުނު ބްރެޒިލްގެ ވިންގް، ރަފީނިއާ ކާމިޔާބުކުރި ގޯލުން ބާސެލޯނާ އެއްވަރުކުރިއިރު، މި ހާފުގެ އިތުރު ވަގުތުގައި މަޔޯކާ އަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނީ އަބްޑޯން ޕްރަޓްސް އެވެ. މިއީ މުރިކީ ދިން ބޯޅައަކުން ޕްރަޓްސް ކާމިޔާބުކުރި ގޯލެކެވެ.

ބާސެލޯނާ އިން މި މެޗުގައި ދެވަނަ ފަހަރަށް އެއްވަރުކުރި ލަނޑު، 75 ވަނަ މިނެޓުގައި ރަފީނިއާ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ސްޕެއިނުގެ އުމުރުން 20 އަހަރުގެ މިޑްފީލްޑަރު، ފާމިން ލޮޕޭޒް އެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި އަމިއްލަ ދަނޑުގައި ސެވިއްޔާ ވަނީ 5-1 އިން އަލްމޭރިއާ ބަލިކޮށްފައެވެ. ސެވިއްޔާގެ ލަނޑުތައް ޖަހައިދިނީ ޔޫސުފް އެން-ނެސީރީ، ޑޯޑީ ލުކެބާކިއޯ، ސޫސޯ، އާއި އެރިކް ލަމޭލާ އަދި ކިކޭ ސަލާސް އެވެ. އަލްމޭރިއާގެ ހަމައެކަނި ލަނޑުޖަހައިދިނީ ކޮލަމްބިއާގެ ވިންގް، ލުއިސް ސުއަރޭޒް އެވެ. އޭނާ މި ލަނޑުޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި ރެއާލްގެ ދަނޑުގައި ލަސް ޕަލްމާސްއާ ބައްދަލުކުރާ މެޗުގެ އިތުރުން ވިޔަރެއާލްއާ ދެކޮޅަށް ޖިރޯނާ ކުޅޭ މެޗާއި، ވެލެންސިއާ އާ ރެއާލް ސޮސިއެޑާޑް ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.