ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިޔާގެ މައްޗަށް 4-2 އިން ކުރި ހޯދާ، ބާސެލޯނާ އިން އަނެއްކާވެސް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

މި މެޗުގެ ކުރިން ތާވަލުގެ ދެވަނައިގައި އޮތީ ޖިރޯނާއެވެ. އެއީ ބާސެލޯނާއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ނަމަވެސް ރޭގެ މެޗުން ތިން ޕޮއިންޓު ހޯދައި ބާސެލޯނާއިން ވަނީ ދެވަނައިގައި އޮވެ ދެ ޕޮއިންޓުގެ ފަރަގެއް ޖިރޯނާ އާއި ދެމެދު އުފައްދައިފައެވެ.

ރޭގެ މެޗު ފަށައިގެން ބާސެލޯނާއިން އައީ މޮޅު ކުޅުމެއް ދައްކާ ވެލެންސިޔާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ބާސެލޯނާއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ޖާއޯ ކެންސެލޯ އަރިމަތިން ނަގައިދިން ހުރަހަކުން 20 އަހަރުގެ ފާމިން ލޮޕޭޒް ވަނީ ލަނޑެއް ކާމިޔާބުުކޮށް ބާސާ އަށް ލީޑު ނަގައިދީފައެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ ބޮލުން ބޯޅަ ފޮނުވާލައިގެންނެވެ. ފާމިން ފޮނުވާލި ބޯޅަ ކީޕަރުގެ އަތް ފޯރާ ވަރަށް ވުރެ މަތިން ގޮސް ވަނީ ގޯލުގެ އަރިމަތީ ކަނަށެވެ.

ލެވަންޑޯސްކީގެ ހެޓްރިކާއެކު ބާސާ އަލުން ދެވަނައަށް -- ފޮޓޯ: އެފްސީ ބާސެލޯނާ

ބާސެލޯނާ އިން ފުރަތަމަ ލަނޑު ކާމިޔާބުކުރިތާ ފަސް މިނެޓު ފަހުން ވެލެންސިޔާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެެވެ. މި ލަނޑަކީ ބާސެލޯނާގެ ކީޕަރު މާކް އަންޑްރޭ ޓާސްޓެގަންއަށް ހެދުނު ގޯހަކުން ވެލެންސިޔާގެ ހުގޯ ޑޫރޯ ކާމިޔާބު ކުރި ލަނޑެކެވެ. ފަހަތުން ކީޕަރަށް ލިބުނު ބޯޅަ ކުރިއަށް ޖަހަން އުޅެނިކޮށް އޭނާ ވަނީ ބޯޅަ އަތުލައި، ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮވައްދާލާފައެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ވެލެންސިޔާ އިން އުފެއްދި އެޓޭކެއްގައި ބާސެލޯނާގެ އަރައުހޯ ވަނީ އޭރިޔާ ތެރެއިން، ބޯޅަ ހިފައިގެން ދިޔަ ވެލެންސިޔާގެ ޕީޓަރއަށް ފައުލުކޮށްފައެވެ. މި ފައުލާއެކު ރެފްރީ ވަނީ ވެލެންސިޔާއަށް ޕެނަލްޓީ އެއް ދީފައެވެ. އެ ޕެނަލްޓީ ކުރިއަށް ފޮނުވާލީ ވެލެންސިޔާގެ ޕެޕެލޫ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް ވެލެންސިޔާ އިން ވަނީ ފަހަތުން އަރާ ބާސާގެ މައްޗަށް ލީޑެއް ނަގާފައެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ވެލެންސިޔާގެ ކީޕަރަށް ލިބުނު ބޯޅައެއް ކޮންޓްރޯލް ކުރަން ކުރިއަށް ޖައްސާލިތަނާ ބާސާގެ ލަމިން ޔަމާލް ވަނީ އެ ބޯޅައަށް ފައިލާފައެވެ. މި ބޯޅަ ކީޕަރު އަތުން ހޯދި ނަމަވެސް ކީޕަރު ވެއްޓެން ދަނިކޮށް އަތުގައި ޖެހިފައި އަނބުރާ ކީޕަރަށް ބޯޅަ ލިބުނެވެ. ކީޕަރުގެ އަތުގައި ބޯޅަ ޖެހުނީ އޭރިޔާގެ ބޭރުންނެވެ. ވީއޭއާރް ބެލުމަށް ފަހު ރެފްރީ ނިންމީ ކީޕަރު ޖޯޖިއޯ މަވާދަޝްވިލް އޭރިޔާ ބޭރުން ގަސްތުގައި ބޯޅައިގައި އަތްލީ ކަމަށެވެ. މިގޮތަށް ނިންމާ ރެފްރީ ވަނީ ރަތް ކާޑެއް ދައްކާ އޭނާ ދަނޑުން ބާލުވާފައެވެ. އެއާއެކު ލިބުނު ހިލޭ ޖެހުން ބާސާގެ ރަފީނިއާ ފޮނުވާލި ނަމަވެސް ވެލެންސިޔާގެ ބަދަލު ކީޕަރު ޑޮމިނިޗް ވަނީ ބޯޅަ ދިފާއު ކޮށްފައެވެ.

ލެވަންޑޯސްކީގެ ހެޓްރިކާއެކު ބާސާ އަލުން ދެވަނައަށް -- ފޮޓޯ: ވެލެންސިއާ އެފްސީ

ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 އިން ވެލެންސިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ބާސެލޯނާއިން ފެށީ ވަރަށް އެޓޭކިންގ ކުޅުމަކުންނެވެ. މި ގޮތުން 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ވެލެންސިޔާގެ ގޯލާ އަމާޒުކޮށް ވަނީ ގިނަ ހަމަލާ ތަކެއް އުފައްދާފައެވެ. ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ބާސެލޯނާއަށް ވަނީ ކޯނަރެއް ލިބިފައެވެ. މި ކޯނަރު ނަގާފައިވަނީ ގުންޑަގަން އެވެ. 'ނިއާ ޕޯސްޓް'އަށް ނަގައިދިން މި ކޯނަރުން ލެވަންޑޯސްކީ ވަނީ ބާސާއަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ބޮލުން ބޯޅަ ކުރިއަށް ފޮނުވާލައިގެންނެވެ.

ބާސެލޯނާގެ ދެވަނަ ގޯލާއެކީ ވެލެންސިޔާ ޓީމުން ކުޅެމުން އައީ ފަހަތަށް ފައިބައިގެން ލިބޭ ފުރުސަތު ތަކުގައި އެޓޭކްތައް އުފައްދަމުންނެވެ. ނަމަވެސް ގިނައިރު ތަކެއް ނުވެ ބާސެލޯނާއިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގައި އަލުން ލީޑު ނަގާފައެވެ. މެޗު ނިމެންދަނިކޮށް ބާސެލޯނާއަށް މި ލަނޑުވެސް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިން ރޮބާޓް ލެވަންޑޯސްކީއެވެ. މި ލަނޑުވެސް އޭނާ ކާމިޔާބުކުރީ ބޮލުންނެވެ.

ލެވަންޑޯސްކީގެ ހެޓްރިކާއެކު ބާސާ އަލުން ދެވަނައަށް -- ފޮޓޯ: އެފްސީ ބާސެލޯނާ

މެޗުގެ ފުރިހަމަ ވަަގުތު ހަމަވެ، އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ބާސެލޯނާގެ ފެރާން ޓޮރޭސްއަށް ވެލެންސިޔާގެ ކުޅުންތެރިޔަކު ކުރި ފައުލަކާއި ގުޅިގެން ބާސާއަށް ވަނީ ހިލޭ ޖެހުމެއް ލިބިފައެވެ. އޭރިިޔާ ބޭރުން ލިބުނު ހިލޭ ޖެހުން ކުރިއަށް ފޮނުވާލީ ލެވަންޑޯސްކީއެވެ. މި ހިލޭ ޖެހުން ގޯލުގެ ތެރެއަށް ވައްދާލައިގެން ލެވްނޑޯސްކީ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކީ ބާސެލޯނާ އަލުން ލީގު ތާވަލުގެ ދެވަނައަށް އެރި އިރު މިފަހަރުގެ ސީޒަން ނިމެން އެ ޓީމަށް ބާކީ އޮތީ ފަސް މެޗެވެ. އެއްވެސް ޓްރޮފީއެއް މި ސީޒަނުގައި ބާސާއަށް ނުލިބުނު ނަމަވެސް އެ ޓީމަށް މިހާރު މި ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރުވެފައެވެ.