ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ސޮސީޑާޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ލަލީގާ ތާވަލުގެ އެއްވަނައިގައި 14 ޕޮއިންޓުގެ ފަރަގެއް ރެއާލުން ހޯދައިފިއެވެ.

ރޭގެ މެޗު ރެއާލުން ކާމިޔާބުކުރީ 1-0 އިންނެވެ. މި މެޗުގައި ރެއާލުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އާރދާ ގޫލާއެވެ. މިއީ ޑެނި ކާވަހާލް ނެގި ހުރަހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ލީގު ތާވަލުގެ ދެވަނައިގައި އޮތް ބާސެލޯނާއަށް ވުރެ އެއް މެޗު އިތުރަށް ކުޅެ ރެއާލަށް 84 ޕޮއިންޓު ލިބިފައިވެއެވެ. ބާސެލޯނާއަށް ލިބިފައިވަނީ 70 ޕޮއިންޓެވެ. އެހެންކަމުން މިފަހަރުގެ ސީޒަން ނިމެން ބާކީ ފަސް މެޗު އޮތް އިރު ރެއާލަށް ލީގުގެ ތަށި ކަށަވަރުކުރަން ބޭނުން ވަނީ އެންމެ ހަތަރު ޕޮއިންޓެވެ.

ލަލީގާ ކާޏިޔާޝު ކުރުމަށް ރެއާލަށް ބޭނުން ވަނީ 4 ޕޮއިންޓު --ފޮޓޯ: މެނޭޖިން މެޑްރިޑް

މި ނިމުނު ހަފްތާ ރެއާލް އަދި ބާސެލޯނާ ބައްދަލު ކުރި މެޗުން ލިބުނު ތިން ޕޮއިންޓާއި އެކީ ރެއާލުން ތާވަލުގެ އެއްވަނައިގައި އޮވެ ބާސެލޯނާ އާއި ދެމެދު އޮތް ފަރަގު ފުޅާ ކުރި އިރު ދެން ބާސެލޯނާއަށް މި ފަހަރުގެ ލީގުގެ އެއްވަނަ އަށް އެރުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.

ޔުުއެފާ ޗެމްޕިއަންސް ލީގުން ވެސް ވާދަވެރި ބާސެލޯނާ ކަޓާފައިވާ އިރު ރެއާލުން ވަނީ އެ މުބާރާތުގެ ވެސް ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އެއްކޮޅުން ބާސާ އަށް އެއްވެސް ތައްޓެއް ނުލިބި މި ސީޒަން ނިމޭއިރު ރެއާލަށް ދެ ތައްޓެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ބާސެލޯނާއެވެ. ނަމަވެސް މި ލީގުގެ އެންމެ ކާމިޔާބު ކުލަބަކީ ރެއާލެވެ. މިހާތަނަށް ރެއާލުން 35 ފަހަރު މި ލީގު ކާމިޔާޞު ކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިންއިން މި ލީގު ކާމިޔާޞު ކުރި ބާސެލޯނާ އަށް ލީގު ކާމިޔާބު ކުރެވިފއިވަނީ 27 ފަހަރެވެ.