ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑް އަދި ކާޑިޒް އެފްސީ ބައްދަލު ކުރި މެޗު 2-0 އިން ކާޑިޒް އިން ކާމިޔާބުކޮށްފިއެވެ.

ކާޑިޒްގެ އަމިއްލަ ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި ކާޑިޒް އިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފު ފެށިގެން 24 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ހުއަންމީ ހިމެނޭޒްއެވެ. މިއީ ސޮބްރިނީ އޭރިޔާ ބޭރުން ނަގައިދިން ހުރަހަކުން ހިމެނޭޒް ބޮލުން ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމިފައި ވަނީ މި ނަތީޖާ އާއި އެކުއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުންވެސް ވަނީ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ ދެ ވަނަ ހާފުގެ 64 ވަނަ މިނެޓުގައި ކާޑިޒް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ހުއަންމީ ހިމެނޭޒެވެ. މި ލަނޑަކީ ކާޑިޒްގެ ހާފުގެ ތެރޭ ހުރެ، ހެނާންޑޭޒް ކުރިއަށް ފޮނުވާލި ބޯޅަ، އޭރިޔާ ތެރޭ ހުރި ހިމެނޭޒް ބޮލުން ކޮންޓްރޯލް ކުރުމަށް ފަހު ކުރިއަށް ޖައްސާލާ ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް އެތުލެޓިކޯ އަދިވެސް އޮތީ ލަލީގާ ޕޮއިންޓު ތާވަލުގެ 4 ވަނައިގައެވެ. ނަމަވެސް މެޗުން ބަލިވުމުން 5 ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އާއި ދެމެދު އޮތް ފަރަގު ވަނީ 5 ޕޮއިންޓަށް ކުޑަވެފައެވެ. އެތުލެޓިކޯ އިން ވަނީ ބިލްބާއޯ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.

މި މެޗު ކާމިޔާބު ކުރި ކާޑިޒް އޮތީ ލަލީގާގެ ރެލެގޭޝަނުގައެވެ. މި މޮޅާއި އެކީ ކާޑިޒް އަށް އަދިވެސް ލީގުގެ ރެލިގޭޝަނުން ސަލާމަތް ވުމުގެ ފުރުސަތު އެބައޮތެވެ.