ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން އިންޑިއާގެ އޯލްރައުންޑަރު، ހާޑިކް ޕާންޑްޔާ އަށް މި ފަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ބާކީ އޮތް ބައިގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

ޕާންޑްޔާގެ ވައަތު ފައިގެ ކުޑަހުޅަށް އަނިޔާވީ، ލީގު ބުރުގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ޕޫނޭގައި ބަންގްލަދޭޝްއާ ދެކޮޅަށް އިންޑިއާ ކުޅުނު މެޗުގައި އޭނާގެ އުކުމުގައި ފައިން ބޯޅައެއް ހުއްޓުވަން އުޅެނިކޮށެވެ. މި އަނިޔާގެ ސަބަބުން އިންޑިއާ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ޕާންޑްޔާ ނުކުޅެއެވެ.

ޕާންޑްޔާ، 30، އަށް ވޯލްޑް ކަޕްގެ ބާކީ އޮތް ބައިގައި ނުކުޅެވޭނެކަން އެންމެ ފަހުން ހެދި ސްކޭންތަކަށްފަހު ކަށަވަރުވެފައިވާއިރު، އޭނާގެ ބަދަލުގައި އިންޑިއާގެ ސްކޮޑުން ޖާގަ ދީފައިވަނީ އުކުންތެރިޔާ، ޕްރަސިދު ކްރިޝްނާއެވެ.

"ވޯލްޑް ކަޕްގެ ބާކީ އޮތް ބައި ގެއްލޭނެކަން ގަބޫލުކުރުމަށް [ހަޖަމުކުރަން] އުނދަގޫ،" ޕާންޑްޔާ ބުންޏެވެ.

ކްރިޝްނާ ވަނީ މިހާތަނަށް ކުޅުނު އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓްގެ 17 މެޗުގައި 29 ވިކެޓްނަގައިފައެވެ. އޭނާ ވަނީ މިދިޔަ ސެޕްޓެންބަރު މަހު އޮސްޓްރޭލިއާ އާ ދެކޮޅަށް އިންޑިއާގައި ކުޅުނު ސީރީޒްގައި ކުޅެފައެވެ.

އިންޑިއާގެ އުކުންތެރިޔާ، މުޙައްމަދު ޝަމީ. އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް ޝަމީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވޭ. --ފޮޓޯ: ރޮއިޓާސް

ޕާންޑްޔާ ބުނީ، އޭނާ އަބަދުވެސް ހުންނާނީ ޓީމާއެކުގައި ކަމަށާއި، އެއް ރޫހެއްގައި ކޮންމެ މެޗެއްގެ ކޮންމެ ބޯޅައެއްގައި ވެސް އުފާ ފާޅުކުރާނެ ކަމަށެވެ. އަދި ހުރިހާ ހެޔޮ ހެދުމާއި، ލޯތްބާއި ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައިވެއެވެ.

"މި ޓީމަކީ ވަރަށް ހާއްސަ ޓީމެއް. މި ޓީމުން އަހަރެމެން ފަޚުރުވެރިކުރުވާނެ ކަން ޔަގީން." ޕާންޑްޔާ ނިންމާލަމުން ބުންޏެވެ.

ޕާންޑްޔާއާ ނުލައި ކުޅެން އިންޑިއާ އަށް އުނދަގޫތައް ކުރިމަތިލާންޖެހިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ފާހަގަކޮށްފައިވީނަމަވެސް، އޭނާގެ ބަދަލުގައި އިންޑިއާ ޓީމުގެ އެގާރައިގައި ހިމެނި، މުޙައްމަދު ޝަމީ ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި 14 ވިކެޓްނަގައިފައެވެ.

މި ފަހަރުގެ މުބާރާތުގައި އިންޑިއާ އިން މިހާތަނަށް ލީގު ބުރުގައި ކުޅުނު ހަތް މެޗު ކާމިޔާބުކޮށް، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ސެމީ ފައިނަލުން ޖާގަ ހޯދާފައިވާއިރު، އެ ޓީމަށް ދެން އޮތީ ދެވަނައިގައި އުޅޭ ދެކުނު އެފްރިކާއާ ދެކޮޅަށް އާދީއްތަ ދުވަހު ކުޅޭ މެޗެވެ.