ލޮޓަސް ކްރިކެޓް ކާނިވަލްގައި އިއްޔެ ކުޅުނު ސީނިއާ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގައި ބަންގްލާ ބެސްޓް ސިކްސް ޓީމު ބަލިކޮށް ސޮނީ ހާޑުވެއާ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ލ.ކުނަހަންދޫގައި މިހާރު ކުރިއަށްދާ ލޮޓަސް ކްރިކެޓް ކާނިވަލްގައި ކުޅުނު ފައިނަލް މެޗުގައި ޓޮސް ލިބިގެން ސޮނީ ހާޑްވެއާ ގަސްތުކުރީ ހޮވަން އަރާށެވެ. އެހެންކަމުން ބަންގްލާ ބެސްޓް ޓީމުން ކުޅެންއަރާ 10 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެެގެން ހެދުނީ 116 ލަނޑެވެ.

ލޮޓަސް ކްރިކެޓް ކާނިވަލްގެ ޗެމްޕިއަން ސޮނީހާޑްވެއަރ ޓީމު ފޮޓޯ: މުހައްމަދު އަޒީލް

ބަގްލާ ބެސްޓް ސިކްސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ރޮޝީދު މުހައްމަދު އެވެ. ސޮނީ ހާޑްވެއާ ޓީމުން އެންމެ ރަނގަޅަށް އުކީ 2 އޯވަރުގެ ތެރޭގައި 30 ލަނޑަށް 2 ވިކެޓު ނެގި މިސްބާހު އަހުމަދުއެވެ.

ޖަވާބުގައި ސޮނީ ހާޑުވެއާ ޓީމުން ކުޅެންއަރާ 9 އޯވަރުގެތެރޭ 5 ބޯޅައިން 1 ވިކެޓަށް 119 ލަނޑު ހަދައިގެން މެޗު ކާމިޔާބުކުރީ އެވެ.

ސޮނީ ހާޑުވެއާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 29 ލަނޑުހެދި މިސްބާހު އަހުމަދުއެވެ. ބަންގްލާ ބެސްޓް ސިކްސް ޓީމުން އެންމެ ރަނގަޅަށް އުކީ 39 ލަނޑަށް 1 ވިކެޓު ނެގި ސުމަން އިބްރާހިމްއެވެ.

 

ބަނގްލާ ބެސްޓް ސިކްސް ޓީމުގެ ސުމަން ކުޅެނީ ފޮޓޯ: މުހައްމަދު އަޒީލް

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަޗުގައި އެންމެ ފަހު އޯވަރުގައި އެންމެ ފަހު ބޯޅައިން ކުރި ހޯދި ސޮނީ ހާޑުވެއާ ޓީމަށް 29 ލަނޑު ހަދައިދިން މިސްބާހު އަހުމަދުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ ކުޅުންތެރިޔާގެ އިނާމުވެސް ހުށައަޅާފައިވަނީ ނާދިޔާ އަބްދުލް ގަފޫރު އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވެސް އާއި ލޮޓަސް ގެ އެހީތެރިކަމާއިއެކު ލ.ކުނަހަންދޫގައި ކުރިއަށްދިޔަ ލޮޓަސް ކޮރިކެޓް ކާނިވަލްގެ ހުރިހާ މެޗެއްގައިވެސް އަމްޕަޔަރުކަން ކޮށްފައިވަނީ ރާއްޖޭގެ އަންހެން ގައުމީ ކޮރިކެޓް ޓީމުގެ ކުނަހަންދޫއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންއެވެ.