ރޯހިތު ޝަރްމާގެ ބަދަލުގައި މުމްބާއީ އިންޑިއަންސްގެ ކެޕްޓަންކަން ކުރާނީ ހާޑިކް ޕާންޑްޔާ ކަމަށް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ފްރެންޗައިޒް އިން އިއްޔެ ކަށަވަރުކޮށްދީފި އެވެ.

ޕާންޑްޔާ، 30، ވަނީ ގުޖުރާތު ޓައިޓަންސް އާއެކު އައިޕީއެލްގެ އެންމެ ފަހުން ކުޅުނު ދެ މުބާރާތުގެ ފައިނަލްގައި ކުޅެފައެވެ. މީގެތެރެއިން، 2022 ވަނަ އަހަރުގެ މުބާރާތް އެ ޓީމުން ކާމިޔާބުކުރިއިރު އޭނާގެ ދައުރު ބޮޑެވެ.

2015 އިން ފެށިގެން 2021 ގެ ނިޔަލަށް މުމްބާއީ އާއެކު އައިޕީއެލްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޕާންޑްޔާ، އޭނާގެ ކުރީގެ ޓީމަށް އެނބުރިއައީ މިދިޔަ މަހުގައެވެ.

މީގެކުރީން، އެތައް ފަހަރެއްގެ މަތީން އެނބުރި އޭނާގެ ކުރީގެ ޓީމަށް އަންނަން ބޭނުންވާކަން ޕާންޑްޔާ ފާޅުކޮށްފައިވާއިރު، ގުޖުރާތު ދޫކޮށް މުމްބާއީ އަށް ބަދަލުވުމުން އެ ޓީމަށް ވަނީ 150 މިލިއަން ރުޕީސް (1.8 މިލިއަން އެމެރިކާ ޑޮލަރު) ލިބިފައެވެ.

މުމްބާއީ އިންޑިއަންސް ކުޅުނު މެޗެއްގައި ރޯހިތު ޝަރްމާ (ވ) އާއި ހާޑިކް ޕާންޑްޔާ. --

ޕާންޑްޔާ، މުމްބާއީ އަށް އެނބުރިއައުމުން އެކަމާ ގުޅޭގޮތުން އެ ޓީމުގެ ގްލޯބަލް ހެޑް އޮފް ޕާފޯމަންސް، މަހޭލާ ޖަޔަވަރުދަނާ ނެރުނު ބަޔާނެއްގައިވަނީ، މިއީ މުސްތަގުބަލަށްޓަކައި މުމްބާއީގެ ލެގަސީ ބިލްޑްކުރުމަށާއި، އެ ޓީމުގެ ފިލޯސޮފީގައި ދެމިހުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއްކަމަށެވެ.

"މި ފިލޯސަފީއާ އެއްގޮތަށް އައިޕީއެލްގެ ކުރިއަށް އޮތް ސީޒަނުގެ މުމްބާއީގެ ކެޕްޓަންކަމުގެ ޒިންމާ ވެސް ވަނީ ހާޑިކްއާ ހަވާލުކުރެވިފަ،"

މުމްބާއީގެ ކެޕްޓަންކަން ޕާންޑްޔާ އަށް ދިނުމާއެކު، 2013 އިން 2020 އާ ދެމެދު ފަސް ފަހަރު އައިޕީއެލްގެ ޗެމްޕިއަންކަން ކާމިޔާބުކުރިއިރު އެ ޓީމުގެ މުގުލުގައި ހުރި ރޯހިތުގެ ދައުރަށް ވަނީ ނިމުމެއް އައިސްފައެވެ. ރޯހިތަކީ އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވެސް މެއެވެ.

"އޭނާގެ ކެޕްޓަންކަމުގައި އެމްއައި[މުމްބާއީ އިންޑިއަންސް] ވެގެން ގޮސްފައިވަނީ އައިޕީއެލްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ކާމިޔާބު އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ޓީމަށް. އޭނާގެ ތަޖުރިބާ އާއި އިރުޝާދާއެކު ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައި އަދިވެސް ނުހަނު ގިނަ ފައިދާތައް ކުރާނެ، އަދި އެއީ މި ޓީމަށް ލިބޭ އިތުރު ވަރުގަދަކަމެއް." މުމްބާއީ އިން ބުނެފައިވެއެވެ.