މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި މިއަދު އިންޑިއާ އިން 243 ލަނޑުގެ ތަފާތަކުން ދެކުނު އެފްރިކާ ބަލިކުރިއިރު، މި މެޗުގައި ހެދި ސައްތަ އާއެކު ވިރާތު ކޯލީ ވަނީ ކްރިކެޓް ލެޖެންޑް، ސަޗިން ޓެންޑުލްކާރްގެ ރެކޯޑަކާ އެއްވަރުކޮށްފައެވެ.

މިހާތަނަށް އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓްގައި އެންމެ ގިނަ ސައްތަ ހެދުމުގެ ރެކޯޑް އޮތީ ސަޗިން އަތުގައެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ، ސަޗިން ވަނީ 49 ސައްތަ ހަދައިފައެވެ. ވިރާތު ވަނީ ސަޗިން އަށް ވުރެ 174 މެޗު މަދުން ކުޅެގެން މިއަދަދަށް ސައްތަ ހަދައިފައެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ވިރާތުގެ ހަތަރުވަނަ ސައްތަ އެވެ.

މި ނަތީޖާއާއެކު އިންޑިއާ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު 8 މެޗުން ސައްތައިން ސައްތައިގެ ރެކޯޑަކާއެކު 16 ޕޮއިންޓް ހަމަކޮށްގެންނެވެ. މި މެޗުން ބަލިވި ދެކުނު އެފްރިކާ އަށް 12 ޕޮއިންޓާއެކު ލިބިފައިވަނީ ދެވަނަ އެވެ. މި ދެ ޓީމު ވެސް ސެމީ ފައިނަލުން ޖާގަ ހޯދާފައިވާއިރު، ތިނެއްގައި އޮތް އޮސްޓްރޭލިއާ އަށް ހަތް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ނިއު ޒީލެންޑާއި، ފަހެއްގައި އޮތް ޕާކިސްތާންގެ އިތުރުން ހަވަނައިގައި އޮތް އަފްޣާނިސްތާނަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. މީގެތެރެއިން، އަފްޣާނިސްތާން އެއް މެޗު މަދުން ކުޅެފައިވާއިރު، ނިއު ޒީލެންޑަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ.

ކަލްކަތާގައި ހުންނަ އެޑެން ގާޑެންސްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އިންޑިއާ އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 326 ލަނޑުހެދިއެވެ.

އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނު ވިރާތު ވަނީ ނުބައިނުވެ 121 ބޯޅައިން 101 ލަނޑުހަދައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވިރާތުގެ މި އިނިންގްސްގައި ވަނީ 10 ފަހަރު ހަތަރަކަށް ޖަހައިފައެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނު ޝްރެޔަސް އަޔާރް 87 ބޯޅައިން 77 ލަނޑުހެދިއިރު، ރަވިންދްރަ ޖަދޭޖާ ވަނީ ނުބައިނުވެ 15 ބޯޅައިން 29 ލަނޑުހަދައިފައެވެ. މީގެއިތުރުން، އެ ޓީމުގެ ކެޕްޓަން، ރޯހިތު ޝަރްމާ 24 ބޯޅައިން 40 ލަނޑުހެދިއެވެ.

ދެކުނު އެފްރިކާއާ ދެކޮޅަށް އިންޑިއާގެ ކުރީގެ ކެޕްޓަން، ވިރާތު ކޯލީ ބެޓްކުރަނީ. އޭނާ ވަނީ މި މެޗުގައި ސައްތަ ހަދާފަ. --ފޮޓޯ: އޭއެފްޕީ / ގެޓީ އިމޭޖަސް

ޖަވާބުގައި ކުޅެން އަރައި، 27.1 އޯވަރުގެ ތެރޭގައި ދެކުނު އެފްރިކާގެ ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 83 ލަނޑަށެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ އަށް އެންމެ ދަށް ސްކޯ އެވެ.

ދެކުނު އެފްރިކާގެ ކުޅުންތެރިން މިހާ ދަށް ސްކޯއަކަށް ނުބައިކޮށްލުމުގައި އިސް ދައުރެއް އަދާކުރީ އިންޑިއާގެ އޯލްރައުންޑަރު، ޖަދޭޖާ އެވެ. އޭނާ ވަނީ ނުވަ އޯވަރުގެ ތެރޭގައި 33 ލަނޑަށް ފަސް ވިކެޓްނަގައިފައެވެ. ދެން އެންމެ ރަނގަޅަށް އުކި މުޙައްމަދު ޝާމީ އާއި ކުލްދީޕް ޔާދަވް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

މި އިނިންގްސްގައި ދެކުނު އެފްރިކާގެ އެއްވެސް ކުޅުންތެރިއަކަށް 20 އިން މަތީގެ ސްކޯއެއް ހެދިފައިނުވާއިރު، އެންމެ ގިނައިން ސްކޯކުރީ މާކޯ ޔެންސަން އެވެ. ޔެންސަން ވަނީ 30 ބޯޅައިން 14 ލަނޑުހަދައިފައެވެ. ދެން އެންމެ ގިނަ ލަނޑުހެދީ ރަސީ ވެން ޑަ ޑުސެން އެވެ. އޭނާ 13 ލަނޑުހެދިއިރު، އެ ޓީމުގެ ކެޕްޓަން، ޓެމްބާ ބަވޫމާ ނުބައިވީ 11 ލަނޑަށެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ސްރީ ލަންކާ ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން 13:30 ގައެވެ.