މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ބަންގްލަދޭޝް އަތުން ތިން ވިކެޓުން ބަލިވެ، ސްރީ ލަންކާ އެ މުބާރާތުގެ ސެމީ ފައިނަލަށް ނުގޮސް ކަޓައިފިއެވެ.

މި ނަތީޖާއާއެކު ސްރީ ލަންކާ އޮތީ 8 މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު 8 ވަނައިގައެވެ. ބަންގްލަދޭޝް ހަތްވަނައިގައި އޮތީ މިއަދަދަށް ޕޮއިންޓް ލިބިގެން ނެޓް ރަން ރޭޓުންނެވެ.

މި މެޗަށް ނިކުތްއިރު ސްރީ ލަންކާ އަށް ސެމީ އަށް ދެވެން އޮތީ ބާކީ އޮތް ހުރިހާ މެޗެއް ކާމިޔާބުކޮށްގެން، ނިއު ޒީލެންޑާއި، ޕާކިސްތާންގެ އިތުރުން އަފްޣާނިސްތާން ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުން ބަލިވެގެންނެވެ. އަނެއްކޮޅުން، މި މެޗަށް ނިކުތް ބަންގްލަދޭޝް މުބާރާތުން ކަޓާފައިވުމުން ނަތީޖާ ނެރުމަށް މާބޮޑު ޕްރެޝަރެއް ނެތެވެ.

ދިއްލީގައި ހުންނަ އަރުން ޖެއިޓްލީ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ބަންގްލަދޭޝް އިން ގަސްދުކުރީ ހޮވަން އަރާށެވެ. ސްރީ ލަންކާ އިން ކުޅެން އަރައި، 49.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 279 ލަނޑަށެވެ.

މި އިނިންގްސްގައި ސްރީ ލަންކާގެ ޗަރިތު އަސަލާންކާ 105 ބޯޅައިން 108 ލަނޑުހެދިއިރު، ޕަތުމް ނިސާންކަ އާއި ސަދީރާ ސަމަރަވިކްރަމާ ނުބައިވީ 41 ލަނޑަށެވެ. އެ ޓީމުގެ ކުރީގެ ކެޕްޓަނެއް ކަމަށްވާ، އެންޖެލޯ މެތިއުސް ވަނީ ޓައިމްޑްއައުޓްވެ، ނުބައިވެފައެވެ. އެއީ، ބެޓްކުރަން ހަމަޖެހިފައިވާ ވަގުތުގައި ކުޅެން އެރުމަށް އޭނާ ދެކޮޅު ހެދުމުންނެވެ. މިއީ ބައިނަލްއަގުވާމީ ކްރިކެޓްގެ ތާރީޚުގައި ކުޅުންތެރިއަކު ޓައިމްޑްއައުޓްވެގެން، ނުބައިވި ފުރަތަމަ ފަހަރެވެ.

ސްރީ ލަންކާގެ އެންޖެލޯ މެތިއުސް (ކ) ޓައިމްޑްއައުޓްވެ، ނުބައިވުމުން ދަނޑުން ފައިބައިގެންދަނީ. --ފޮޓޯ: އޭޕީ

އެންޖެލޯ މެތިއުސް ބުނީ، ހެލްމެޓްގެ މައްސަލައެއް އުޅޭ ކަމަށާއި، އެ ބަދަލުކޮށްގެން ކުޅުމުގެ ފުރުޞަތު ދިނުމަށެވެ. އެހެންނަމަވެސް، ކަނޑައެޅިފައިވާ ވަގުތަށް އޭނާ ކުޅެން އަރަން ދެކޮޅު ހެދުމުން އަމްޕަޔަރު ވަނީ ޓައިމްޑްއައުޓްވެ، ނުބައިވީ ކަމަށް ނިންމައިފައެވެ.

ފުރަތަމަ އިނިންގްސްގައި ބަންގްލަދޭޝް އިން އެންމެ ރަނގަޅަށް އުކި ތަންޒިމް ހަސަން ތިން ވިކެޓްނެގިއިރު އެ ޓީމުގެ ކެޕްޓަން، ޝަކީބް އަލް ހަސަން އާއި ޝޮރިފުލް އިސްލާމް ދެ ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، 41.1 އޯވަރުގެ ތެރޭގައި ބަންގްލަދޭޝް އިން މޮޅުވެގެން ފޭބީ ހަތް ވިކެޓަށް 282 ލަނޑުހަދައިގެންނެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނަޖްމުލް ޝާންޓޯ އާއި ކެޕްޓަން، ޝަކީބް އަލް ހަސަން އެވެ. ޝަކީބް އަލް ހަސަން ވަނީ 65 ބޯޅައިން 82 ލަނޑުހަދައިފައެވެ. ޝާންޓޯ ނުބައިވީ 91 ލަނޑަށެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ވިކެޓްނަގައިފައިވާ ސްރީ ލަންކާގެ ދިލްޝާން މަދުޝަންކާ ތިން ވިކެޓްނެގިއިރު، މަހީޝް ތީކްޝާނާ އާއި އެންޖެލޯ މެތިއުސް ދެ ވިކެޓްނެގިއެވެ.

މި މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އަފްޣާނިސްތާން ބައްދަލުކުރާނީ އޮސްޓްރޭލިއާ އާ އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން 13:30 ގައެވެ.