މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ފަސް ވިކެޓުން ސްރީ ލަންކާ ބަލިކޮށް، ނިއު ޒީލެންޑުން އެ މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

މިއީ ނިއު ޒީލެންޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ލީގު ބުރުގައި އެ ޓީމު ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވިއިރު، ހަތަރު މެޗުން ވަނީ ބަލިވެފައެވެ. އަނެއްކޮޅުން، ސްރީ ލަންކާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ. މިއާއެކު، އެ ޓީމު ވަނީ ސެމީ އަށް ނުގޮސް ކަޓައިފައެވެ.

މި ނަތީޖާއާއެކު ނިއު ޒީލެންޑް ވަނީ ނުވަ މެޗުން 10 ޕޮއިންޓް ހަމަކޮށް، ތާވަލްގެ ހަތަރުވަނައިގައި ހަމަޖެހިލައިފައެވެ. އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އަންނަ ޕާކިސްތާނާއި، އަފްޣާނިސްތާނަށް ބާކީ އެއް މެޗުން އޮތްއިރު، މި ދެ ޓީމަށް ވެސް ބާކީ އޮތް މެޗުން ބޮޑު ތަފާތަކުން މޮޅުވެގެން ސެމީ އަށް ދިއުމުގެ ފުރުޞަތު އެބައޮތެވެ. ޕާކިސްތާން އޮތީ 8 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ހައެއްގައި އޮތް އަފްޣާނިސްތާނަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޕާކިސްތާނަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ.

ލީގު ބުރުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެއްވަނައިގައި އުޅެނީ އިންޑިއާ އެވެ. އެ ޓީމަށް ސައްތައިން ސައްތައިގެ ރެކޯޑަކާއެކު 8 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ދެކުނު އެފްރިކާ ދެވަނައިގައި އޮތީ 12 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް އޮސްޓްރޭލިއާ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ދެކުނު އެފްރިކާ އަށް ކުރިލިބެނީ ވެސް ނެޓް ރަން ރޭޓުންނެވެ. މި ދެ ޓީމަށް ވެސް އަދި ބާކީ އެއް މެޗު އެބައޮތެވެ.

ބެންގަލޫރުގެ އެމް ޗިންނަސްވާމީ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ގަސްދުކުރީ ހޮވަން އަރާށެވެ. ސްރީ ލަންކާ އިން ކުޅެން އަރައި، 46.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 171 ލަނޑަށެވެ.

މި އިނިންގްސްގައި ސްރީ ލަންކާގެ އޯޕަނިންގ ބެޓްސްމަން، ކުސާލް ޕެރޭރާ 28 ބޯޅައިން 51 ލަނޑުހެދިއިރު، ދެން އެންމެ ރަނގަޅަށް ކުޅުނު މަހީޝް ތީކްޝާނާ ވަނީ ނުބައިނުވެ 38 ލަނޑުހަދައިފައެވެ. އެ ޓީމުގެ ކެޕްޓަން، ކުސާލް މެންދިސް ނުބައިވީ އެންމެ ހަ ލަނޑަށެވެ. ނިއު ޒީލެންޑްގެ ޓްރެންޓް ބޯލްޓް ތިން ވިކެޓްނެގިއިރު، ލޮކީ ފާގަސަން އާއި މިޗޭލް ސެންޓްނާ އަދި ރަޗިން ރަވިންދްރަ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، ނިއު ޒީލެންޑުން ވަނީ 23.2 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 172 ލަނޑުހަދައިފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޑަރީލް މިޗޭލް 31 ބޯޅައިން 43 ލަނޑުހެދިއިރު، ރަޗިން ރަވިންދްރަ ވަނީ 34 ބޯޅައިން 42 ލަނޑުހަދައިފައެވެ. މީގެއިތުރުން، އެ ޓީމުގެ ޑެވޯން ކޮންވޭ 42 ބޯޅައިން 45 ލަނޑުހެދިއެވެ. މި އިނިންގްސްގައި ސްރީ ލަންކާގެ އެންޖެލޯ މެތިއުސް ދެ ވިކެޓްނެގިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއު ޒީލެންޑްގެ ޓްރެންޓް ބޯލްޓް އެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި އަފްޣާނިސްތާން ބައްދަލުކުރާނީ ދެކުނު އެފްރިކާއާ އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން 13:30 ގައެވެ.