ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) ގެ ފުރަތަމަ ފޮތް، ޖަރުމަނުގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގައި މިއަދު ލޯންޗުކޮށްފިއެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއާގައި މި މެގަޒިން ލޯންޗުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ. ޖަރުމަނުގެ ބާލިންގައި ބޭއްވި ކުޑަ ހަފްލާގައި އެންއެޗްގޭމްގެ ރައީސް އަދި ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) އާއި އެސޯސިއޭޝަންގެ ނައިބު ރައީސް އަދި ނޫމޫ ގެސްޓްހައުސްގެ ވެރިޔާ އަހުމަދު ވަހީދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ތައުފީގާއި ޓޫރިޒަމް މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ލޯކަލް ޓޫރިޒަމްއާ ގުޅޭ ހާއްސަ ފޮތް ޓޫރިޒަމް މިނިސްޓަރު ފައިސަލް (ކ) މިއަދު ބައްލަވާލައްވަނީ. ---

އެންއެޗްގޭމް އިން ބުނި ގޮތުގައި މި މެގަޒިންއަކީ ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ކުރިއަށް ގެންދާ އެކިއެކި ޓްރެވަލް ފެއާތަކުގައި ހިލޭ ބެހުމަށް ހަމަޖެހިފައިވާ މެގަޒިނެކެވެ. އެގޮތުން މިހާތަނަށް އައިއިރު، މި ފޮތުގެ 6،000 ކޮޕީ ތައްޔާރުކޮށްފައިވާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

"މި ފޮތް ބަހާނެ ކުރިއަށް އޮތް ތަނުގައި ބާއްވާ ޓްރެވަލް ފެއާތަކުގައި." އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.

އެސޯސިއޭޝަނުން ބުނީ މި ފޮތުގައި ރާއްޖޭގެ ލޯކަލް ޓޫރިޒަމް އާ ގުޅޭ ހުރިހާ މައުލޫމާތުތަކެއް ހުންނާނެ ކަމަށެވެ. އަދި ބައެއް ގެސްޓްހައުސްތަކާ ބެހޭ މައުލޫމާތުތައް ވެސް މި ފޮތުން ފެންނަން ހުންނާނެ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.

"ފޮތުގެ އެންމެ ހާއްސަ އެއް ކަމަކީ ރާއްޖޭގައި ހުރި ހުރިހާ ގެސްޓްހައުސްތަކަށް ގުޅޭ ނަންބަރުތަކުގެ އީ-ޑައިރެކްޓަރީއެއް ހުންނާނެ. މިއީ ހަގީގަތުގައި ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ވަރަށް މުހިންމު ފޮތަކަށް ވާނީ. އެމީހުންނަށް މި ލިބިދެނީ ހަގީގަތުގައި ބާރެއް ރާއްޖެ އަންނަން،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް ގެސްޓްހައުސްގެ ވިޔަފާރި އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. ރާއްޖެ އަށް އާމްދަނީ ހޯދައިދޭ އެންމެ މުހިންމު އެއް ދާއިރާއަކީ ވެސް ލޯކަލް ޓޫރިޒަމެވެ. އެގޮތުން ގެސްޓްހައުސްގެ ވިޔަފާރި އެންމެ ބޮޑަށް ކުރިއަރާފައިވާ ބައެއް އަތޮޅުތަކުގެ ތެރޭގައި ކ. އަތޮޅާއި އއ. އަތޮޅާއި ވ. އަތޮޅުގެ އިތުރުން އދ. އަތޮޅު ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ 20 އަތޮޅުގައި 829 ގެސްޓްހައުސް ހިންގައެވެ. އެއީ 14،310 އެނދެވެ. ހޮޓަލްގެ ގޮތުގައި ހަތް އަތޮޅެއްގައި 13 ހޮޓެލް ހިންގައެވެ. އެއީ 1،640 އެނދެވެ.

އެންއެޗްގޭމްގެ އޮފީހެއް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ މާލޭގައި ހުޅުވައިފައެވެ.