ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ފަހު އޮމާން އެއާއިން ރާއްޖެއަށް ދަތުރުތަށް މިއަދު އަލުން ފަށައިފިއެވެ.

މިއަދު މަސްކަޓް އިން މާލެ އައި ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މެންދުރު 1:30 ގައެވެ. އޮމާން އެއާގެ ފްލާއިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާއެކު ވަނީ ހޫނު މަރުހަބާއެއް ކިޔައި ވޯޓާ ސެލިއުޓެއް ދީފައެވެ.

އޮމާން އެއާއިން މަސްކެޓް އާއި މާލެއާ ދެމެދު ހަފްތާ އަކު ހަތަރު ދަތުރު ކުރާނެއެވެ. އެއީ އަންގާރަ، ބުރާސްފަތި، ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ. އަދި ހަފްތާއަކު ތިން ދުވަހު މާލެ އާއި މުސްކެޓް އާ ދެމެދު ފްލައިޓުތައް ބާޢްވާނެއެވެ. އެއީ ބުރާސްފަތި، ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ.

އޮމާން އެއާ ރާއްޖޭގައި އޮޕަރޭޓް ކުރަނީ ޖީއެސްއޭ ސަން ޝިއާމް ގުރޫޕުންނެވެ. އޮމާން އެއާއިން ރާއްޖެއަށް ދަތުރުތަށް ފަށާއިރު އެ އެއަރލައިން އިން ބީ737 މެކްސް މަރުކާގެ މަތިންދާ ބޯޓު ހޯދާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.

މި އެއަރލައިން އަކީ ދުނިޔޭގެ 27 ގައުމެއްގެ 50 މަންޒިލަށް ދަތުރުކުރަމުން އަންނަ ބިޔަ އެއަރލައިންއެކެވެ. އަދި 2022 އަންނައިރު އެ އެއާލައިނުން 70 އެއާކްރާފްޓުގައި 60 މަންޒިލަށް ދަތުރުކުރާނެއެވެ.

އޮމާނުގެ ޤައުމީ އެއަރލައިންއިން މަސައްކަތް ކުރަމުން ދަނީ 2030 ވަނަ އަހަރު އަންނަން ވާއިރަށް އެ އެއާލައިނުން ދަތުރު ކުރާ ފަސިންޖަރުންގެ އަދަދު 39 މިލިއަން މީހުންނަށް އިތުރު ކުރުމަށެވެ.

މި އެއަރލައިންއިން ވަނީ ދުނިޔޭގެ "ބިޒްނަސް ކްލާސް" ހިދުމަތްދޭ އެންމެ ރަނގަޅު އެއަރލައިންއަށް ދޭ އެވޯޑް 2017 ވަނަ އަހަރު ހޯދައިފައެވެ.

ބޮއިން ކުންފުނިން 2011 ވަނަ އަހަރު ތައާރަފުކޮށް، 29، ޖެނުއަރީ 2016 ވަނަ އަހަރު ބޭނުން ކުރަން ފަށާފައިވާ "ބީ 737 މެކްސް" މަރުކާގެ އެއާކްރާފްޓް ފަރުމާކޮށްފައިވަނީ ހަރަދު ކުޑަ އަދި ގިނަ މީހުން އުފުލޭނެ އަދި ދިގު ދަތުރުތަށް ކޮށްލެވޭ ބޯޓެއްގެ ގޮތުގަ އެވެ.

ބީ737 މެކްސް މަރުކާގެ ބޯޓުފަހަރުތަކުގެ ތެޔޮ ހަރަދު އެހެން ބޯޓުތަކާއި އަޅާބަލާއިރު 40-50 އިންސައްތަ ކުޑަކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެންމެ ބޮޑެތި ބޯޓު ފަހަރުތަކަށް ވެސް ފަސޭހަކަމާއި އެކު ޖެއްސޭނެ އައު ރަންވޭ އާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފަތުރުވެރިކަމުގެ އައު ސީޒަންއަށް ތައްޔާރުވަމުން އަންނައިރު ގިނަ އެއަރލައިންތަކުން އަންނަނީ ރާއްޖެެއަށް ކުރާ ދަތުރުތަށް އިތުރުކުރާނެ ކަމަށް ބުނަމުންނެވެ، އެގޮތުން ފްލައިޓުގެ ކެޕޭސިޓީ އިތުރުކުރާނެކަން އެންމެ ފަހުން އިއުލާނުކޮށްފައިވާ އެއް އެއާލައިންއަކީ ގަތަރު އެއާވޭސް އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް ) އިންކުރިން ހާމަކޮށްފައިވާ ގޮތުގައި ފިނި މޫސުމާ ދިމާކޮށް ރާޢްޖެ އަންނަ އެއާލައިންތަށް އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު އިތުރުވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވެގެން ދާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ވުމާއެކު އެކަމަށް މިހާރުވެސް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.