އޮމާންގެ ގައުމީ އެއާލައިން، އޮމާން އެއަރގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ހޫނު މޫސުމާއި ދިމާކޮށް އޮމާން އެއާގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ ހޮނިހިރު ދުވަހުގެ ރޭގައެވެ. އެ ފްލައިޓްގައި ދަތުރުކުރީ ޖުމްލަ 46 ފަސިންޖަރުންނެވެ. ވޯޓާ ސެލިއުޓަކާއިއެކު އެމްއޭސީއެލްއިން ވަނީ މި އެއާލައިނަށް މަރުހަބާ ކިޔާފައެވެ.

އެ އެއާލައިނުން މަސްކަޓްއާއި މާލެ ރޫޓާ ދެމެދު ހަފްތާއަކު 4 ދަތުރު ކުރާނެއެވެ. އެ އެއާލައިނުން ބޭނުންކުރާ ފްލައިޓް WY381 އާއި ފްލައިޓް WY383 އާއި އެކު 162 ފަސިންޖަރުން އުފުލުމުގެ ކެޕޭސިޓީއާއެކު ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޮމާން އެއާގެ އޮޕަރޭޝަންތައް 1993 ވަނަ އަހަރުގައި ފެށުމަށްފަހު މިއަދު ވެސް އެ އެއާ ލައިންގެ އޮޕަރޭޝަންތައް ފާހަގަކުރެވޭ ވަރަށް ހަލުވި ކުރިއެރުމެއް ހޯދާފައިވެއެވެ. އޮމާން އެއާއަކީ ޕެސެންޖަރ އެކްސްޕީރިއަންސް އެސޯސިއޭޝަން (އެޕެކްސް)ގެ ފަރާތުން ޖެހިޖެހިގެން ދެ އަހަރަށް (2021 އަދި 2022) ފަސް ތަރީގެ މޭޖަރ އެއާލައިން ރޭޓިންގްސް ހޯދާފައިވާ އެއާލައިނެކެވެ.

މީގެ އިތުރަށްވެސް އެ އެއާލައިނުން ވަނީ ދާދި ފަހުން ސްކައިޓްރެކްސް 2023 ވޯލްޑްގައި 'މެދު އިރުމަތީގެ އެންމެ މޮޅު އެއާލައިން ސްޓާފް'ގެ މަގާމު ވެސް ހޯދާފައެވެ.

ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުވެގެން ދިޔުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ އިތުރު ކުރިއެެރުމެއްގެ ގޮތުގައި އެމްއޭސީއެލްއިން ސިފަކުރެއެވެ. އެމްއޭސީއެލްއިން ވަނީ ވަރަށް ފަހުން ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން ފްލައިނަސް އަދި މެލޭޝިޔާގެ ބަޓިކް އެއަރއަށްވެސް މަރުހަބާ ކިޔާފައިއެވެ.