ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭގައި ދުނިޔޭގެ އެންމެ މަޤްބޫލު ޑައިވް މަންޒިލަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ އެވޯޑެއް ރާއްޖެއަށް ލިބުމަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ބަލައިގަތުން ކަމަށާއި ފަތުރުވެރިން ގަޔާވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ތަފާތު އެތައް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ރާއްޖެއަަށް ލިބިފައިވާއިރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭގައި ރާއްޖެ ވާދަކޮށްފައިވަނީ ތައިލެންޑް، ހަވާއި، މޮރިޝަސް، އޮސްޓްރޭލިއާ، ޝީޝެލްސްގެ އިތުރުން އެމެރިކާ އާއެކުގައެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު، 7.3 ޕަސެންޓުގެ ކުރި އެރުމެކެވެ. މިދިޔަ އަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 1.1 މިލިއަން ފަސެންޖަރުންނެވެ. އޭގެ ތެރެއިން 65 އިންސައްތަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ތަޖުރިބާ ކޮށްލުމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޔޫރަޕުންނެވެ.

ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އޭޝިއާ ސަރަހައްދުންނެވެ. އޭޝިއާ ސަރަހައްދުން ރާއްޖެއަށް 517722 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަލާބަލާއިރު، 1.3 ޕަސެންޓްގެ ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޖްވާ

    ބަލަގަ މީ އަބަދުވެސް ދައްކާ ވަހަކަ އެކެއް ނޫންތަ!

  2. ހައިތަމް

    ތީ ދޮގުވާހަކައެއް އެންމެ މަގުބޫލީ ސިޔާސީ ގޮތުން ރާއްޖެ